މިނިމަމް ވޭޖު: ހިތްހަމަ ޖެހޭ އަދަދުތަކެއްތަ؟

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

އިއްޔެއަކީ ރާއްޖެއަށް ތާރީހީ ދުވަހެކެވެ. މީގެ ގިނަ އަހަރުތަކެއް ފަހުން، އިއްޔެގެ ވާހަކަ ތާރީހުގެ ފަތްފުށްތަކުން ފެންނަން ހުންނާނެއެވެ. ސަބަބަކީ އިއްޔެއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައެޅި ދުވަސް ކަމުގައި ވާތީއެވެ. އެ ތާރީހީ ނިންމުން ނިންމި ދުވަސް ކަމަށް ވާތީއެވެ.

އިއްޔެ ކަނޑައެޅި މިނިމަމް ވޭޖާމެދު ގިނަ ބަޔަކު މީސްމީޑީއާގައި އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ. ބައެއް މީހުން މިނިމަމް ވޭޖާ އެއްކޮޅަށް ވާހަކަ ދައްކާއިރު، ގިނައީ މިނިމަމް ވޭޖު ކަމުނުދާކަމަށް ބުނެ ވާހަކަ ދައްކާ މީހުންނެވެ.

މިނިމަމް ވޭޖު އިއްޔެ އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ތިން ދާއިރާއަކަށެވެ.

- ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ

- ސިވިލް ސާވިސް (ޕަބްލިކް ސެކްޓަރ) ، މަހަކު 7000 ރުފިޔާ

މިނިމަމް ވޭޖު ބޯޑުން ދިރާސާ ކުރުމަށްފަހު މިދިޔަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރަށް އަދަދުތަކެއް ލަފާ އެރުވިއެވެ. ނަަމަވެސް މިއަދު ފާސްކުރި އަދަދުތަކުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް އެބަހުއްޓެވެ.

ކުދި ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި މިނިމަމް ވޭޖު ބޯޑުން ކަނޑައެޅީ ގަޑިއިރަކަށް 24.4 ރުފިޔާއެވެ. ނަމަވެސް ފާސްކުރި އިރު އެ އަދަދު ވަނީ ގަޑިއިރަކަށް 21 ރުފިޔާއަށް ކުޑަކޮށްފައެވެ.

ދެން ބަދަލު ގެނައީ ބޮޑެތި ވިޔަފާރި ތަކަށެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކަށް ބޯޑުން ލަފާދިން އަދަދަކީ ގަޑިއިރަކަށް 42.72 ރުފިޔާއެވެ. އެ އަދަދު ކުޑަކޮށް ކަނޑައެޅި އަދަދަކީ 38.90 ރުފިޔާއެވެ. ބޮޑެތި ވިޔަފާރިތައް ކަމުގައި ބަލަނީ 100އަށްވުރެ ގިނަ މުވައްޒަފުން ގެންގުޅޭ، 20 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީއަށް ލިބޭ ކުންފުނިތަކެވެ.

އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައެވެ. އެންމެ ބޮޑު ފާޑުކިޔުމެއް މިނިމަމް ވޭޖަށް ކިޔަމުން އަންނަނީ ވެސް އެ މުވައްޒަފުންނެެވެ.

މިނިމަމް ވޭޖާ ގުޅިގެން ފޭސްބުކުގައި ހިޔާލު ފާޅު ކުރި މީހަކު ބުނެފައިވަނީ މިނިމަމް ވޭޖު އެންމެ ބޮޑުކޮށް ލިބޭނެ ކަމަށް ބުނި ޓުއަރިޒަމް ސެކްޓަރގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ކަނޑައެޅީ 8000 ރުފިޔާ ކަމަށެވެ. އަދި ކުދި ވިޔަފާރިތަކަށް 4500ކަން ފާހަގަ ކުރަމުން އޭނާ ބުނެފައިވަނީ މިނިމަމް ވޭޖަށްވުރެ "ސިޔާސީ މީހާ"ގެ ފޯނު އެލަވަންސް ވެސް ބޮޑު ކަމަށެވެ.

ދެން އޮތް ކަންބޮޑުވުމަކީ އެލަވަންސާއެކު މިނިމަމް ވޭޖު ދިނުމެވެ. އިންކައިންޑް ބެނެފިޓް މިނިމަމް ވޭޖުގައި ނުހިމެނި ނަމަވެސް، ފައިސާގެ ގޮތުން ދޭ ހުރިހާ އެލަވަންސެއް މިނިމަމް ވޭޖާއެކު ގުނާނެއެވެ. އިންކައިންޑް ބެނެފިޓަކީ ފައިސާގެ އިތުރުން އޮފީހުން ފޯރުކޮށްދޭ އެއްޗިއްސެވެ. މުވައްޒަފުގެ ކިޔެވުމުގެ ހަރަދު އޮފީހުން ކޮށްދޭނަމަ އެއީ އިންކައިންޑް ބެނެފިޓެކެވެ.

މިކަމާ ގުޅިގެން ފޭސްބުކުގައި މީހަކު ވަނީ އެންމެ ކުޑަ މުސާރައަކީ އެމީހަކަށް ކަނޑައަޅާ އަސާސީ މުސާރަ ނޫންތޯ ސުވާލު އުފައްދާފައެވެ. އަދި އެލަވަންސްތަކާއި، އިތުރު ގަޑިއާއި، އަހަރީ ބޯނަސްއާއި އަތުގައި ހުރި ހުރިހާ ހަރު މުދަލެއް ވެސް މިނިމަމް ވޭޖުގެ ގޮތުގައި ގުނާތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ރިސޯޓެއްގައި އުޅޭ މުވައްޒަފަކު "ސަން"އަށް ބުނީ ބޯޑުން ކަނޑައަޅައިފައިވާ އަދަދަށް މިނިމަމް ވޭޖު ފާސް ނުކުރުުމުން ވަރަށް މާޔޫސް ވެއްޖެ ކަމަށެވެ. އަދި އެއީ "ނަމަކަށް ކަމެއް ކުރުން" ކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ދެން އޮތީ ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުމެވެ. މިއަދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ބޯޑުގެ ލަފާގެ މަތިން ސިވިލް ސާވިސްގެ ޑިއުޓީގެ ވަގުތު، އަށްގަޑިއިރަށް ބަދަލުކުރަން ވިސްނަމުން ދާ ކަމަށެވެ.

މިއީ ސިވިލް ސާވިސް މުވައްޒަފުން މާޔޫސް ކޮށްލި ހަބަރެކެވެ. މިއޮއް ހުރިހާ ދުވަހު ހަ ގަޑިއިރު ވަޒީފާއަށް ނުކުތުމަށްފަހު، ކުއްލިއަކަށް އަށް ގަޑިއިރަށް ބަދަލުކުރާ ވާހަކަ ދެއްކުމުން އެ މުވައްޒަފުން ތިބީ ވަރަށް ނުތަަނަވަސް ވެފައެވެ.

"މިހާރު ވެސް މަސައްކަތްތައް ނުނިމެނީއެއް ނޫން. ދެން އަޅުގަނޑަކަށް ނުފެނޭ ކޮންމެހެން އަށް ގަޑިއިރަށް ބަދަލުކުރަން ޖެހޭ ސަބަބެއް. އަޅުގަނޑަށް ވިސްނޭ ގޮތުގައި އެއީ މިނިމަމް ވޭޖާއެކު އިތުުރު ގަޑި ކަނޑާލަން ކުރާ ކަމެއް،" ވާހަކަ ދައްކާލެވުނު ސިވިލް ސާވިސްގެ މުވައްޒަފަކު ބުންޏެވެ.

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް މި ކަމުގައި ހުރި ނަމަވެސް ސަރުކާރުން ދެކެނީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މި ތާރީހީ ނިންމުމާއެކު ރާއްޖޭގެ މުޅި އާބާދީއަށް ހެޔޮ އަސަރު ކުރާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

"ސަން"އާ އިއްޔެ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތުން ލިބިގެންދިޔައީ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށެވެ. އަދި މިނިމަމް ވޭޖާއެކު 13000 ރިސޯޓް މުވައްޒަފުންނަށް ސީދާ މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖާއި ސާވިސް ޗާޖު އެކުވުމުން އެވްރެޖުކޮށް ރިސޯޓު މުވައްޒަފަކަށް 12،000 ރުފިޔާ ޖެހޭނެ ކަމަށް މިނިސްޓްރީން އަންދާޒާކޮށްފައިވާކަމަށެވެ.

މިނިމަމް ވޭޖުގެ ހެޔޮ އަސަރު ކުރާނީ ރިސޯޓު މުވައްޒަފުންނަށް އެކަނި ނޫން ކަން ފާހަގަކުރައްވާ މަބްރޫކް އިތުރަށް ވިދާޅުވީ ސިވިލް ސާވިސްގެ 15،400 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 5،100 މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ ފައިދާ ކުރާނެ ކަމަށެވެ.

"އެގޮތުން ބެލި ކަމުގައި ވީ ނަމަވެސް 33،500 އަށް ވުރެ ގިނަ ދިވެހިންނަށް އޭގެ ސީދާ އަސަރު ކުރޭ. މީގެ އިތުރުން ވެސް ކުދި ވިޔަފާރިތަކުން ވެސް ފައިދާ ވާނެ. އެންމެ ގިނަ ދިވެހިންނަށް ފައިދާވާނެ، އެންމެ ބޮޑު ވައުދު މި ފުއްދިގެން ދިޔައީ. މިއީ ސަރުކާރަށް ތާރީހީ ދުވަހެއް،" މަބްރޫކް ވިދާޅުވިއެވެ.

ކޮންމެ ކަމެއް ވެސް އަލަށް ތައާރަފް ކުރާއިރު، ބައެއް މީހުންގެ ކަންބޮޑުވުންތައް ހުންނާނެއެވެ. އަނެއް ބަޔަކު ތައުރީފް ކުރާނެއެވެ.

މިނިމަމް ވޭޖަށް ވެސް ވެފައި މިވަނީ އެފަދަ ގޮތެކެވެ. މީގެ ކުރިން އެއްވެސް ސަރުކާރަކުން ކަނޑައަޅައިފައި ނުވާ، އެންމެ ކުޑަ އުޖޫރަ މި ސަރުކާރުން ކަނޑައެޅީއެވެ. ބައެއް މީހުން ބުނާ ގޮތުން ނަމަ "އަމާ ބުނީތީ ފަރަށްދާ" އުސޫލުންނެވެ. ނަމަވެސް އަނެއް ބަޔަކަށް މިއީ އިގުތިސޯދަށް ގެނުވައިދިން ބޮޑު އިންގިލާބީ ބަދަލެކެވެ.

މި ތާރީހީ ނިންމުމާއެކު ދެން އަންނާނެ ބަދަލެއް ވެސް ދިވެހީން ދެކޭނެއެވެ. މި ނިންމުމަކީ ރަނގަޅު ނިންމުމެއްނަމަ ފައިދާ ކުރާނީ ވެސް އަދި ގޯސް ނިންމުމެއްނަމަ ގެއްލުން ވާނީ ވެސް ހަމަ ދިވެހީންނަށެވެ.

comment ކޮމެންޓް