ޚަތިމަށް ރަތްކުޅުޖެހި މީހާއަށް ހައްގު އަދަބު ދިނުމަށް އިދިކޮޅުން ގޮވާލައިފި

ސެޕްޓެމްބަރ 23، 2021: ޕީޕީއެެމް ޕީއެންސީ އިސް މީހުން ފުލުހުންގެ ވެރިންނާއި ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިބްރާހީމް މިސްކިތަށް ވަދެ ޚަތިމަށް ރަތްކުޅުޖެހި މީހާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެ މީހާއަށް ހައްގުވާ އަދަބު ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިއްޔެގެ އަސުރު ނަމާދުގެ ޖަމާއަތް ނިމުނު ވަގުތު ހަސަން ޒިޔާދު ކިޔާ މީހަކު އައިސް އިބްރާހީމް މިސްކިތަށް ވަދެ، ޚަތިމަށް ވަނީ ރަތްކުޅު ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ފިރިހެނަކު މިސްކިތްތަކަށް ކުޑަކަމުގޮސް ހަތިމަށް ކުޅު ޖަހާ ހިންގި އަމަލާއި އަދި އެ އަމަލު ހިންގި މީހާގެ އަމަލުތައް ދިފާއު ކުރުމަށް ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ތަފާތު ވާހަކަތަކާއި ބަހަނާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެމީހާއަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ބުނިނަމަ ވެސް، އެމީހާގެ ނަފްސާނީ އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަވެފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ދީނީ ކަންކަމަށް ހަޖޫ ޖަހާ، ދީނީ ޝިއާރުތަކާ ދެކޮޅަށް އަޑު އުފުލަމުން ގެންދާ އެންމެހާ ފަރާތްތަކުގެ ހިމާޔަތުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކުރާރުކޮށް, މިސްކިތްތަކަށް ކުޑަކަމުގޮސް ހަތިމަށް ކުޅު ޖެހި މީހާގެ ވެސް ދިފާއުގައި ސަރުކާރުން މަސައްކަތް ކުރާކަމީ ވަރަށް ހިތާމަވެރި ކަމެއްކަމުގައި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެ އަމަލަކީ އެހާމެ ލަދުވެތި ކަމެއްގެ ގޮތުގައި ކޯލިޝަނުން ފާހަގަ ކުރާ ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ކަހަލަ ބައްޔެއް ހުރި މީހަކަށް ނުވާއިރު އޭނާއަކީ ނަފްސާނީ ބަލި ހުރި މީހެއްކަމުގައި ދައްކައި މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރި ހުރުންވެސް އެ ކޯލިޝަނުން ބަލައެއް ނުގަންނާނެ ކަމަށެވެ.

"އެހެންކަމުން ދީނަށް ފުރައްސާރަކޮށް މާތްﷲ ގެ ކަލާމްފުޅަށް ކުޅު ޖަހާ ހެދި މީހެއްގެ ދިފާއުގައި ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމީހާއަށް ގާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމީ މަރުކަޒާއި، ރައީސް އޮފީހުގެ އިތުރުން ހުކުރު މިސްކިތުގެ ތެރެއަށް އެމީހާ ކުޑަކަމުދިޔަ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން މިހާރު ވަނީ އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް އަންގައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފައިވާ ކަމަށެވެ.

ހަސަން ޒިޔާދުގެ ނަފްސާނީ މައްސަލައެއް ފާހަގަ ނުވާކަމަށް ޖެންޑާ މިނިސްޓްރީން ވެސް މިއަދު ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ، ޒިޔާދުގެ މައްސަލަ އެ މިނިސްޓްރީން ބެލި ކަމަށެވެ. އަދި އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، އެ މައްސަލަ ފުލުހުންނަށާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ އިތުރުން، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވެސް "ސަން"އަށް ވިދާޅުވީ މިސްކިތަކަށް ވަދެ ކުޑަކަމުދިޔަ މީހާގެ ފަރާތުން ފެންނަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެއް ނޫން ކަމަށެވެ.

comment ކޮމެންޓް