މަޖިލިސް މެންބަރުންގެ ރައްޓެހިން ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް 1.5 މިލިއަން ރުފިޔާ

ވީއައިއޭއޭގެ ވީއައިޕީ ލޯންޖު ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: އެތަނުން މަޖިލިސް މެންބަރުންގެ ރައްޓެހިން ހިދުމަތް ހޯދުމުން ބޯޑު ހޭދައެއްކޮށްފައިވޭ ----

ވޭތުވެދިޔަ ތިން އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލީ ފަރާތްތަކާއި ރައްޓެހިން, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް 1.5 މިލިއަން ރުފިޔާ ދައުލަތުން ދައްކައިފިއެވެ.

އާންމު ފަރާތަކުން އެދުމުން ރައްޔިތުންގެ މަޖިލީހުން ދޫކޮށްފައިވާ ލިއުމުން އެނގޭ ގޮތުން, ވޭތުވެދިޔަ ތިން އަހަރު މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާ އަދި ރައްޓެހިން ވީއައިޕީ ލޯންޖު ބޭނުން ކުރުމުން, 238,920 ޑޮލަރު (3،684،146.4ރ) ވަނީ ހަރަދުކޮށްފައެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން އެންމެ ހަރަދު ބޮޑީ 2018 ވަނަ އަހަރެވެ. އެ އަހަރު ވީއައިޕީއަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު, އެންމެ ބޮޑު އަދަދެއް އަރާފައިވަނީ މެންބަރުންގެ އާއިލާއާއި ރައްޓެހިނަށެވެ. އެއީ 793,821 ރުފިޔާއެވެ. މެންބަރުންނަށް ހަރަދުކޮށްފައިވަނީ, 588,427 ރުފިޔާއެވެ. މެންބަރުންގެ ބެލެނިވެރިކަމުގައި ތިބި މީހުނަށް 484,804 ރުފިޔާ ހަރަދުކުރިއެވެ.

ޖެހިގެން އައި އަހަރު ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެންބަރުންގެ ރައްޓެހިންނަށެވެ. އެ އަހަރު މަޖިލިސް މެންބަރުންގެ ރައްޓެހިން ވީއައިޕީ ލޯންޖު ބޭނުން ކުރުމުން ހަރަދުކޮށްފައިވަނީ 548,643 ރުފިޔާއެވެ. އެއާއެކު 2019 ވަނަ އަހަރު ވީއައިޕީ ލޯންޖަށް ހަރަދުކޮށްފައިވާ ޖުމްލަ އަދަދަކީ 1.4 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންނާއި އޭގެ ކުރީ ދައުރުގެ މަޖިލިސް މެންބަރުން ހިމެނެއެވެ. އެއީ 18 ވަނަ ދައުރު ނިމި އަލަށް ހޮވުނު މެންބަރުންނާއެކު 19 ވަނަ ދައުރު ފަށާފައިވަނީ 2019 ވަނަ އަހަރު ކަމަށްވާތީއެވެ.

މިދިޔަ އަހަރު މަޖިލިސް މެންބަރުންގެ ވީއައިޕީއަށް ކުރި ހަރަދު ވަނީ ކުރީ ދެ އަހަރާ އަޅާބަލާއިރު ބޮޑުތަނުން ކުޑަވެފައެވެ.

މިދިޔަ އަހަރު ވީއައިޕީ ލޯންޖަށް ޖުމްލަ ހަރަދުކޮށްފައިވަނީ 443,170 ރުފިޔާއެވެ. އަދި މެންބަރުންގެ ރައްޓެހިންނަށް ހަރަދުކުރި ވަރުވެސް ވަނީ މަދުވެފައެވެ. މިދިޔަ އަހަރު އެންމެ ބޮޑު އަދަދެއް އަރާފައިވަނީ މެންބަރުންނަށެވެ. އެއީ 185،965 ރުފިޔާއެވެ. މެންބަރުންގެ ރައްޓެހިންނަށް މިދިޔަ އަހަރު ހަރަދުކޮށްފައިވަނީ 141,555 ރުފިޔާއެވެ. މެންބަރުންގެ ބެލެނިވެރިކަމުގައި ހުރި ފަރާތްތަކަށް ހަރަދުކޮށްފައިވަނީ 115,650 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ދަތުރުކުރާ އާއިލީ މީހުންނާއި ރަހުމަތްތެރިންނަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް ފާސްކޮށްފައިވަނީ ވެސް އެ މެންބަރުން އަމިއްލައަށެވެ.

comment ކޮމެންޓް