ލީކުވި އޯޑިއޯތަކާ ގުޅިގެން ގާޒީ ފާއިޒު ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު--

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑު ކޮށްފިއެވެ.

އޯޑިއޯ އެނަލިސިސްގައި ކަނޑައަޅާފައިވަނީ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނި ކަމަށެވެ.

މިކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި އެ ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން މާދަމާ (ނޮވެމްބަރު 5)އިން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް ގާޒީ ފާއިޒު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ ޖޭއެސްސީއިން މިއަދު ބޭއްވި އެ ކޮމިޝަންގެ 83 ވަނަ ބައްދަލުވުމުގައެވެ.

އެ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒުގެ އަޑުކަމަށް އޭނާ މީގެ ކުރިން ވަނީ އިންކާރު ވެސް ކޮށްފައެވެ.

ގާޒީ ފާއިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައި ހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

"ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން މިކޮމިޝަނުން ފާހަގަކުރަމެވެ،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް އެ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

"މީގެ އިތުރުން، ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ލިޔުއްވާއިރު، މީޑިއާއަށް ލިބޭ މަޢުލޫމާތު އާންމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރު ކުރެއްވުމަށް އެ ކޮމިޝަނުން މީޑިއާތަކަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައިވެއެވެ.

އެ އޯޑިއޯތަކާ ގުޅޭ ހަބަރުތައް ގެނެސްދިންއިރު "ސަން"އިން ގެނެސްދީފައިވާނީ ހަމައެކަނި ގާޒީ ފާއިޒުގެ އޯޑިއޯ އެކަންޏެވެ. އަނެއް ދެ އޯޑިއޯއާ ގުޅޭ ހަބަރު "ސަން"އިން ނުގެނެސްދިނީ އެއީ ގާޒީ އަލީ އާދަމާއި ގާޒީ ސަމީރުގެ އޯޑިއޯކަމަށް ބެލެވެން ނެތުމުންނެވެ.

މީގެއިތުރުން ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކިބަސްދެއްވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދުގެ އޯޑިއޯއެއްވެސް ލީކްކޮށްލާފައިވެއެވެ. އެ އޯޑިއޯއިން އިވެނީ މުއައްވިޒްގެ އަޑުކަން "ސަން"އަށް ވަނީ ޔަގީންކުރެވިފައެވެ.

comment ކޮމެންޓް