ސުނާމީ ބިނާ މައިޒާން އޮތީ ބޮޑު މަރާމާތަކަށް ދާން ޖެހޭ ވަރަށް ހަލާކުވެފައި ކަމަށާއި އެތަނުގެ މަރާމާތުގެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު "ސަން"އަށް ވިދާޅުވީ އެ ތަނަށް ލިބިފައި ހުރި ގެއްލުމާއި ހަލާކުވެފައިވާ މިންވަރު ސިޓީ ކައުންސިލުގެ ޓީމަކުން އެ ތަނަށް ގޮސް ބަލާފައިވާ ކަމަށެވެ.
"މަރާމާތު ކުރަން ބަލަން ވެގެން ބުދަ ދުވަހު ދިޔައިން އެތަނަށް. މުޅި ތަން ބަލައިލިއިރު މުޅި ތަން އޮތީ ހަލާކުވެފައި. ޝީޓްޕައިލް ވެސް އޮތީ ފޫ ގޮސްފައި. އެތާ ހުރި ހުރިހާ ލައިޓެއް ހަލާކުވެފައި. ޖޯއްޔެއް ނެތް." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޖުމުލަކޮށް ދަންނަވާނަމަ މުޅި ތަން އޮތީ މަރާމާތު ކުރަން ޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ. އަދި އެ މަސައްކަތް ސިޓީ ކައުންސިލަށް ކަނޑައަޅާ ބަޖެޓުން ކުރެވޭތޯ ބެލުމަށް ޓަކައި އަންދާޒާއެއް ހަދަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"މިހާރު މަޝްވަރާ ކުރަމުން މި ދަނީ ސިޓީ ކައުންސިލްގެ ކެޕޭސިޓީގައި ބަޖެޓު ކަނޑައަޅައިގެން އަޅުގަނޑުމެންނަށް ބަޖެޓުގެ ތެރެއިން އެ ތަނުގެ މަރާމާތުގެ މަސައްކަތް ކުރެވޭނެތޯ ނުވަތަ ނޫންތޯ. އަންދާޒާއެއް ހަދަން ފަށައިފިން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ އެހީތެރިކަމާއެކު އެ މަސައްކަތް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. އަދި އެ އަންދާޒާއަށް ފަހު ބަޖެޓުގެ ގޮތުން ނުވަތަ މެޝިނަރީގެ ގޮތުން ވެސް ސަރުކާރުގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ފާހަގަވާނަމަ، އެ އެހީތެރިކަމަށް އެދޭނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު އެ މައިޒާނަކީ ސުނާމީ ބިނާ ހުރި ތަނަށް ވުމާއެކު އެތަން ހަލާކުވިޔަ ނުދީ ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
"ސިޓީ ކައުންސިލްގެ ވިސްނުމަކީ އެތަނަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ހަނދާންތައް އާ ކޮށްދޭ، ދިވެހިންގެ އެއްބަވައިވަންތަކަން ދައްކުވައިދޭ ބިނާ ހުރި ތަން ވީމަ، އެތަން ޖެހޭނެ ވަރަށް ރަނގަޅަށް ބަލަހައްޓަން." މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން ސުނާމީ ބިނާ ހުރީ މާލޭގެ އިރު ދެކުނު ފަރާތުގައެވެ. އެ ބިނާ ތިން ރުށް ޕާކު ހުރި ތަނަށް ބަދަލު ކުރީ، ކުރިން ހުރި ތަނަކީ ސިނަމާލެ ބުރިޖަށް މާލެއިން އަރާ ސަރަހައްދުގައި ކަމަށް ވާތީއެވެ.