މެސީ ނުލައި ކުޅުނު މެޗުން ޕީއެސްޖީއަށް ޕޮއިންޓެއް

ޕީއެސްޖީއާއި ލިޕްޒިގް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ//އޭޕީ

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ ނުލައި ކުޅުނު މެޗުން އެއްވަރުވެ، ތާވަލުގެ ދެވަނައަށް ވެއްޓިއްޖެއެވެ.

އާރުބީ ލިޕްޒިގުގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެއާ އެކު ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ލިބިގެން ޕީއެސްޖީ އޮތީ ގުރޫޕް ތާވަލުގެ ދެވަނައިގައެވެ. އެ ގުރޫޕުގެ އެއްވަނައިގައި އޮތީ ރޭ ކުލަބް ބުރޫޖް އަތުން މޮޅުވި މެންޗެސްޓާ ސިޓީއެވެ.

މި ސީޒަނުގައި ޕީއެސްޖީއަށް އަލަށް ގުޅުނު މެސީ ރޭގެ މެޗުގައި ކުޅެފައި ނުވަނީ އަނިޔާގެ ސަބަބުންނެވެ. އޭނާ ވަނީ އެންމެ ފަހުން ލީގުގައި ޕީއެސްޖީ ލިލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނުތަނާ ބަދަލުކޮށްފައެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅުނީ ލިޕްޒިގުންނެވެ. އެގޮތުން އެ ޓީމުން ވަނީ މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ކްރިސްޓޯފް އެންކުންކޫގެ ގޯލުން ލީޑު ނަގައިފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލީޑުފުޅާކުރަން ލައިޕްޒީގަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ސިލްވާ ފޮނުވާލި ޕެނަލްޓީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފައެވެ.

ޕީއެސްޖީން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިއީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ޖިއޮޖީނިއޯ ވައިނަލްޑަމް ކާމިޔާބުކުރި ލަނޑެކެވެ. އެ ޓީމުން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑުވެސް ޖެހީ ފުރަތަމަ ލަނޑު ޖެހި ވައިނަލްޑަމް އެވެ. މިއީ މިދިޔަ ޓްރާންސްފަރ ބާޒާރުގައި ލިވަޕޫލުން ޕީއެސްޖީއަށް ބަދަލުވެ އޭނާ ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑެވެ.

މި މެޗުން ޕީއެސްޖީ މޮޅުވާން ދަނިކޮށް ލައިޕްޒީގުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޯސްލާއިއެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

comment ކޮމެންޓް