ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރަށް ކުރި ދައުވާ ސާބިތެއް ނުވި

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްސަންއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޑރ. ޒިޔާދު ގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އޭސީސީގެ ތަހުގީގަކުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ޑރ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލިއެވެ.

އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް އަބްދުﷲ ސައީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އިބްރާހިމް އަބްދުﷲ ސައީދާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް އޭސީސީއިން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި ދައުލަތުގެ ވަކީލުން ވެސް ފާހަގަކޮށްފައިވަނީ އޭސީސީން އާންމުކޮށްފައިވާ ނުކުތާތަކެވެ.

އެ މައްސަލައިގައި ޑރ. ޒިޔާދުގެ އިތުރުން އިބްރާހިމް އަބްދުالله ސައީދުގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް މިއަދު ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.

ޑރ. ޒިޔާދުގެ މައްޗަށް އުފުލި ދައުވާއަށް އިންކާރުކޮށް އޭނާ ވިދާޅުވެފައިވަނީ, ޕްރޮޕޯސަލްގައިވާ އަދަދަށްވުރެން އިތުރަށް އެސްޖޭ ކޮންސްޓްރަކްޝަނަށް ފަންގިފިލާ ދިނުމަށް އެއްބަސްވުމުގައި އޮތީ އިދާރީ އޮޅުމަކުން ކަމަށެވެ.

ގާޒީ މުހައްމަދު މިސްބާހު ކުރި އެހުކުމުގައި ބުނެފައިވަނީ, ފަންގިފިލާގެ އަދަދު ނުބައިކޮށް އެއްބަސްވުމުގައި އޮތްކަން ފާހަގަވި ހިސާބުން އެކަން އިސްލާހު ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރި ކަމެއް ކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް