ޕީއެސްއެމްއިން މީހަކަށް 3.3 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ޕީއެސްއެމްގެ ރޭޑިއޯ އިމާރާތް --- ސަން ފޮޓޯ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކުންފުންޏަކުން ކޮށްދީފައިވާ މަސައްކަތަކަށް 3.3 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުޅުމާލެ ފްލެޓް 02-2-111 ޔާސިރާ ޔޫސުފް ޕީއެސްއެމާ ދެކޮޅަށް ދައުވާކުރީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޖޭއެމްޖޭ އިންވެސްޓްމަންޓުން ޕީއެސްއެމްގެ ރޭޑިއޯ އިމާރާތުގައި ކޮށްފައިވާ މަސައްކަތަށް ލިބެންޖެހޭ 3.3 މިލިއަން ރުފިޔާ ހޯދުމަށް އެދި ފޮނުވި އިންވޮއިސްތަކަށް ފައިސާ ދީފައިނުވާކަމަށް ބުނެއެވެ.

އެ ދައުވާއަށް ޖަވާބުދާރީވަމުން ޕީއެސްއެމްއިން ބުނެފައިވަނީ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަކީ ޖީއެމްޖޭއާ ހަވާލު ކޮށްގެން ކޮށްފައިވާ މަސައްކަތްތަކެއްކަން ޕީއެސްއެމްގެ އެއްވެސް ލިޔެ ކިޔުމަކުން ފެންނަން ނެތް ކަމަށެވެ. އަދި ދައުވާއާ އެކު ހުށަހެޅި އިންވޮއިސްތަކަކީ އެފަދަ މަސައްކަތްތަކަށް އެކަށީގެންވާ އަގެއް ނޫންކަމަށްވެސް ޕީއެސްއެމްއިން ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.

އެ މަސައްކަތަކީ ޖީއެމްޖޭއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެއްކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ ދެ ފަރާތުންވެސް އެއްބަސްވާ އެކަށީގެންވާ އަގެއް ކަނޑައަޅައި އެ އަގެއް ދޭނެކަމަށް ޕީއެސްއެމްއިން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

އެކުންފުނިން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި މަސައްކަތްކޮށްފައިވާ ކަމަށް ދައުވާ ސާބިތުކުރަން ޖޭއެމްޖޭއިން ހުށަހެޅި ދެ ހެކީން ހެކިބަސްދެމުން ވަނީ ބުނެފައެވެ.

އެ ދެ ހެކީން ހެކިބަސްދިނުމާ އެކު ޕީއެސްއެމްއިން ބުނީ ޖޭއެމްޖޭއިން ރޭޑިއޯ ބިލްޑިންގައި މަސައްކަތްކޮށްފައިވާކަމަށް މިހާރު ގަބޫލުކުރާ ކަމަށާއި ހިލާފު އުފެދެނީ މަސައްކަތުގެ އަގާ މެދުގައި ކަމަށެވެ.

އެހެންކަމުން ހެކީންގެ ހެކިބަހުންނާއި ޕީއެސްއެމްގެ ބަހުން ޖޭއެމްޖޭއިން ރޭޑިއޯ ބިލްޑިންގައި މަސައްކަތްކުރިކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހުކުރި ހުކުމްގައިވެއެވެ.

އެ ހުކުމުގައި ބުނެފައިވަނީ އިމާރާތެއްގެ އެތޭރަގައި މަރާމާތުކުރުމުގެ ބޮޑު މަސައްކަތެއް ކުރެވޭނީ އިމާރާތާ ހަވާލުވެ ހުރި ފަރާތްތަކުގެ އެއްބަސްވުމާ އެކުގައި ކަމަށެވެ. އަދި އެފަދަ ކަމެއް އަގަކާ ނުލައި ކުރުމަކީ ނާދިރު ކަމެއް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ޕީއެސްއެމްގެ މައްޗަށް ހުކުމްކުރީ ކޮންމެ މަހަކު ވެސް އެ މަހަކަށްޖެހޭ ވަރު ދައްކައި ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

comment ކޮމެންޓް