ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 56 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެމްޓީސީސީ ބިލްޑިންގް -- ސަން ފޮޓޯ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވިޔަފާރިން އާމްދަނީގެ ގޮތުގައި 485 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނަ ކުއާޓަރުގައި ލިބުނީ 423 މިލިއަން ރުފިޔާއެވެ.

ތިންވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވި މަައިގަނޑު ސަބަބެއް ކަމަށް އެމްޓީސީސީން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދާ މަޝްރޫއުތައް އިތުރުވުމާއި އިންވެސްޓްމަންޓްއް އިތުރުވުމެވެ.

އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުން މިހާރު މެނޭޖު ކުރަމުންދަނީ 96 މަޝްރޫއެކެވެ. އޭގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

ތިންވަނަ ކުއާޓަރުގައި 10 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. އަދި މުޅިން އައު 15 މަޝްރޫއު އެކުންފުންޏަށް އެވޯޑު ކޮށްފައިވާއިރު، 10 މަޝްރޫއުގެ މަސައްކަތް މި ކުއާޓަރުގެ ތެރޭގައި ވަނީ ފަށާފައެވެ.

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި 1.33 ބިލިއަން ރުފިޔާގެ ޖުމުލަ އާމްދަނީއެއް ވަނީ ލިބިފައެވެ. ޓެކުހަށް ކެނޑުމުގެ ކުރިން މިއަހަރުގެ ތިން ކުއާޓަރުގެ ފައިދާ އެއްކޮށްލައިގެން 212 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އެއާއެކު އެމްޓީސީސީއިން ލަފާކުރަނީ މިއަހަރު ނިމޭއިރު 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަދި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 270 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

comment ކޮމެންޓް