ޖިންސީ ގޯނާގެ މައްސަލަތަކުގައި ސްކޫލުތަކުން 30 މީހަކު ވަކިކޮށްފި

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މި ދައުރުގައި ސްކޫލުތަކުން ޖިންސީ ގޯނާގެ 40 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން 30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ މިނިސްޓްރީން ވަރަށް ސީރިއަސް ކަމާއެކު ބަލަމުންދާ މައްސަލަތައް ކަމަށެވެ.

"އަޅުގަނޑުމެންގެ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މެޝާސް ތަކެއް ސްކޫލުތަކުގެ ތެރޭގަ ނަގާފަ ވަނީ. އެކިއެކި ގާނޫނު ތަކުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މިކަންކަން ލާޒިމްވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ސްކޫލެއްގައިވެސް މިފަދަ މައްސަލަތައް ބަލައި، ރިޕޯޓް ކުރުމަށް ހާއްސަ އޮފިސަރަކު ބަހައްޓާފައި ހުންނާނެ ކަމަށާއި އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ ވަގުތުން ކަމާބެހޭ ހުރިހާ އިދާރާތަކަށް އެކަން ހުށަހަޅާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަން ޖެހޭ ބަޔަކަށް ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅުމާއެކު އެކަމާ ބެހޭ އިދާރީ ތަހުގީގެއް އެ މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭ ބަޔަކަށް ފިޔަވަޅު އަޅައި، ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްވެސް ކުރާ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދައުރުގަ މިކަހަލަ 40ހަކަށް މައްސަލަ ހުށަހެޅުނު. އޭގެ ތެރެއިން 30ހަކަށް ބޭފުޅުން މިހާރު އަޅުގަނޑުމެންވާނީ ވަޒީފާއިން ވަކި ކޮށްފަ. ދެން ހުރި ޕެންޑިން ކޭސްތަކަށް ކިރިޔާވެސް ހެއްކެއް ލިބިއްޖެ ކަމުގައި ވާނަމަ އަޅުގަނޑުމެން ހަމަ އެ ބޭފުޅަކު ވަގުތުން ވަޒީފާއިން ވަކި ކުރާނަން،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، އެފަދަ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާއިރު ތުހުމަތު ކުރެވޭ މީހުން ތިބޭނީ ސަސްޕެންޑުކޮށްފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ގާތްގަނޑަކަށް ހަތް ވަރަކަށް ކޭސް މިހާރުވެސް ހިންގަމުން ދޭ. އެކަމަކު އެ ބޭބޭފުޅުން ތިއްބެވީ ވަޒިފާއިން އެކަހެރި ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިންސީ ގޯނާގެ ހާދިސާތައް ނުހިނގާނެ ފަދަ ގޮތަކަށް ސްކޫލުތަކުގެ މާހައުލު ތަރުތީބުކޮށް، ސްކޫލްތަކަކީ އަމާން މާހައުލަކަށް ހެދުމަށް ފިޔަވަޅު އަޅަމުންދާ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ވަނީ ބެލެނިވެރިންނަށް ދެއްވާފައެވެ.

އެގޮތުން، ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންވެސް ރެޖިސްޓާވެ، ލައިސަންސެއް އޮތުން މިހާރު މަޖުބޫރުކޮށްފައިވާ އިރު ސްކޫލުގެ މާހައުލުން ދަރިވަރުންނާ ދިމާވާނެ އެހެނިހެން ފަރާތްތަކަށްވެސް މިފަދަ ލައިސެންސްއެއް ދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.

އެ މައްސަލައާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ، އެމައްސަލަ ރިޕޯޓުކުރުމާއެކު ތުހުމަތު ކުރެވޭ މީހުން ސަސްޕެންޑުކުރި ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށް، ގަލޮޅު މަދަރުސާގައި އިތުރު ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އެ މައްސަލައިގައި ގިނަ ބައެއްގެ ބަޔާން ނަގާފައިވާ އިރު އޭގެ ތެރޭގައި އެ ސުކޫލުގެ އިސްވެރިން ވެސް ހިމެނެއެވެ.

comment ކޮމެންޓް