ލީކުވި އޯޑިއޯތަކުން އަޑު ދިމާވަނީ ގާޒީ ފާއިޒުގެ އެކަނި: ޖޭއެސްސީ

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު: ޔާމީނަށް ހުކުމް އިއްވީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް "ސަން"އަށް ވަނީ ލިބިފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށްބުނެ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނިކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެެވެ.

ޖޭއެސްސީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑުކަމަށް ބުނާ އޯޑިއޯތަކުގައި އިވެނީ އެ ދެ ގާޒީންގެ އަޑު ނޫން ކަމަށެވެ. އަދި އެ ދެ ގާޒީންގެ މައްޗަށް އުފައްދައިފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް، އެ ދެ ގާޒީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، ފޮރެންސިކް ތަހުގީގަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައި ވާ ވަކި ބައެއް ޑިލީޓުކޮށް ނުވަތަ ވަކި ކްލިޕުތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.

ގާޒީ އަލީ އާދަމް، ހުސައިން ފާއިޒު ރަޝާދު އަދި މުހައްމަދު ސަމީރު

މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒުގެ އަޑުކަމަށް އޭނާ އިންކާރު ކުރިކަމުގައި ވިޔަސް، އޯޑިއޯގެ އަޑާ އޭނާގެ އަޑު ދިމާވާކަމަށް އޯޑިއޯ އެނަލެސިސްއިން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ޖޭއެސްސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ނިންމާ ތަހުގީގު ކޮމެޓީއެއް އެކުލައިލައިފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގާޒީ ފާއިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއްކޮށްފައިވާކަމަށް ބުނެފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

"ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން މިކޮމިޝަނުން ފާހަގަކުރަމެވެ،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް އެ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

"މީގެ އިތުރުން، ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ޚަބަރު ލިޔުއްވާއިރު، މީޑިއާއަށް ލިބޭ މަޢުލޫމާތު އާންމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރުކުރެއްވުމަށް އެ ކޮމިޝަނުން މީޑިއާތަކަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައިވެއެވެ.

އެ އޯޑިއޯތަކާ ގުޅޭ ހަބަރުތައް ގެނެސްދިންއިރު "ސަން"އިން ގެނެސްދީފައިވާނީ ހަމައެކަނި ގާޒީ ފާއިޒުގެ އޯޑިއޯ އެކަންޏެވެ. އަނެއް ދެ އޯޑިއޯއާ ގުޅޭ ހަބަރު "ސަން"އިން ނުގެނެސްދިނީ އެއީ ގާޒީ އަލީ އާދަމާއި ގާޒީ ސަމީރުގެ އޯޑިއޯކަމަށް ބެލެވެން ނެތުމުންނެވެ.

މީގެއިތުރުން ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ހެކިބަސްދެއްވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދުގެ އޯޑިއޯއެއްވެސް ލީކްކޮށްލާފައިވެއެވެ. އެ އޯޑިއޯއިން އިވެނީ މުއައްވިޒްގެ އަޑުކަން "ސަން"އަށް ވަނީ ޔަގީންކުރެވިފައެވެ.

comment ކޮމެންޓް