މިއަދު ރާއްޖޭގެ ރަށްތަކަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަނުކުރެވި ލިބެމުން އަންނަނަމަ ކުރިއަށް އޮތް ގަރުނެއްގެ ތެރޭގައި ރާއްޖެ ނެތިގެން ހިނގައިދިޔުމުގެ ބިރު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ކޮޕް26 ސަމިޓުގައި މިރޭ ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުން އަންނަކަމަށެވެ.
"ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން ދުނިޔޭގެ ފިިނި ހޫނުމިން މަތިވަމުން ގޮސް 1.5 ޑިގްރީ ސެލްސިއަސްއިން ދެ ޑިގްރީއަށް މަތިވާ ހިސާބަަކީ ރާއްޖެ ނެތިގެންދާނެކަން ޔަގީންވާ ހިސާބު. އަޅުގަނޑުމެން މި ތިބީ ހެޔޮ ބަދަލަކަށް މަސައްކަތްކުރުމަށް ޓަކަައި ބައިނަލްއަގްވާމީ ދުނިޔެއާ އެއްކޮށް މަސައްކަތްކުރުމަށް ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހަމައެކަނި މަަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިނުމަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫންކަމަށެވެ. އަދި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
"ކުޑަ ގައުމެއްގެ ލީޑަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވާނީ މީގެ ކުރިން މިފަދަ އެތައް ޕޯޑިއަމަކަށް އަރާފައި. ތަކުރާރުކުރެވިފައިވާނީ މިރޭ މި ދައްކާ ވާހަކަތައް. ނަމަވެސް މި މައްސަލައިގެ ސީރިއަސް ކަމުންނާއި މިއީ އަޅުގަނޑުމެން ދެމިތިބުމާ ގުޅިފައިވާކަމެއްކަމުން މި ވާހަކަތައް ތަކުރާރުކުރަން އަޅުގަނޑަށް މިވަނީ މަޖުބޫރުވެފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ބިންތިރި ގައުމެއްގެ ގޮތުގައި އޮތް ގައުމެއްކަމަށެވެ. އަދި އަބަދުވެސް ދުނިޔޭގެ ޗާޓުން ރާއްޖެ ގެއްލިދާނެ ކަމުގެ ބިރު އޮންނަ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވަމުން އަންނަ މައްސަލަތަކުގެ ވާހަކަދައްކަވާފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަަލައަކީ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ހަމައެއާއެކު އެމަނިކުފާނު ވަނީ ކްލައިމެޓް ފައިނޭންސިންއަށް ބޮޑެތި ގައުމުތަކުން އެހީތެރިވެ ދިނުމަށް ގޮވައިލައިފައެވެ.އަދި އެކަމަސް ބާރު އަޅުއްވަމުން އެމަނިކުފާނުވަނީ ގައުމުތައް އެކުގައި މަސައްކަތްކުރުމަށް ގޮވައިލައްވައިފައެވެ.