މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، އާރުކާޓީން (ލޯކަލް ޓުއާ ގައިޑުން) ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، މި ދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށްރަށުގެ އާޘާރުތަކާއި އަދި ރަށާ ބެހޭ ފުރިހަމަ މައުލޫމާތު ދިނުމެވެ.
މި ތަމްރީން ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އިއްޔެ ހެނދުނު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ވިދާޅުވީ އެމްއައިޓީޑީސީ އާއި ޕޮލިޓެކްނިކް ގުޅިގެން މިފަދަ މުހިއްމު ތަމްރީނު ޕްރޮގްރާމެއް ހިންގަން ނިންމުމުން، އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމަކީ ރަށްރަށުގައި ފަތުރުވެރިކަން ތަރައްގީ ވަމުން އަންނައިރު، ނުހަނު މުހިއްމު އަދި ބޭނުންތެރި ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މީގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްގެ އެންމެހާ ބައިވެރިން ވެސް، ތަމްރީނު ފުރިހަމަކުރުމަށްފަހުގައި އިތުރު ހަރުފަތަކަށް ދިޔުމަށް ޓަކައި، ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ސެޓްފިކެޓް ތިނެއް ލެވެލްގެ ލޯކަލް ގައިޑް ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރުމަށް މިނިސްޓަރު ހިތްވަރު ދެއްވިއެވެ.
އަދި ކުރިމަގުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ތަމްރީނު ލިބިފައިވާ އާރުކާޓީން ތިބުމުގެ މުހިއްމުކަމާއި، އެ ފަދަ އާރުކާޓީންނަކީ ފަތުރުވެރިންގެ ކުރިމަތީގައި ރާއްޖެ ތަމްސީލުކުރާނެ، ރާއްޖޭގެ އެމްބެސެޑަރުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ޒުވާނުން ވަޒީފާގެ މައިދާނަށް ނުކުމެ ބާރުވެރިކުރުވުމަށް ވެސް އޮތް ފަހި ފުރުސަތެއް ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މި ތަމްރީނު ޕްރޮގްރާމަކީ ފެށުމެއްކަމަށާއި، އެމްއައިޓީޑީސީ އަކީ ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމަށް އަމާޒު ކުރެވިގެން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏަކަށް ވީހިނދު؛ އެމްއައިޓީޑީސީ އާއި ޕޮލިޓެކްނިކް ގުޅިގެން މުޅި ރާއްޖެެއަށް ލޯކަލް ޓޫރިޒަމް އާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް އެދިވަޑައިގެންފައެވެ.
މި ތަމްރީން ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި، 12 ރަށަކުން 28 ބައިވެރިންނާއެކު، އެމްއައިޓީޑީސީ އާއި ޕޮލިޓެކްނިކްގެ އިތުރުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންފަ އެވެ.
އާރުކާޓީން ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ އެމްއައިޓީޑީސީ އިން އިސްނަގައިގެން، އެފަރާތުގެ އެދުމަކަށް މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ކޯސް ފަރުމާކުރެވިފައިވަނީ އެމްއައިޓީޑީސީ އިން ކުރިޔަށް ގެންދާ ސަވާދީއްތަ ދަތުރުގައި ބަނދަރުކުރެވޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، ފުރިހަމަ މައުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ކަލްޗަރަލް ޓޫރިޒަމް ތައާރަފްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ފަރުމާކުރެވިގެން ކުރިއަށްދާ ޔޮޓް ރެލީއެކެވެ.
އަންނަ އަހަރުގެ ފެބްރުއަރީ ތިން ވަނަ ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުގައި، ރާއްޖޭގެ ގައުމީ ބަތަލު މުހައްމަދު ތަކުރުފާނުގެ ދިރިއުޅުއްވުމާ ގުޅުންހުރި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީހީ ބިނާތަކާއި، ދިވެހިންގެ އަމާންއޮމާން އެކުވެރި ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރިވެތި ކަނޑުއަޑީގެ މަންޒަރު ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެއެވެ.
މިތަމްރީނު ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ކިޔަވައިދެއްވާނީ ޕޮލިޓެކްނިކާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ތަޖުރިބާކާރު މުދައްރިބުންނެވެ.