ވެށީގެ ދިފާއުގައި ވަޒީފާ ގުރުބާންކުރި އިގްބާލު، 'ތިމާވެށީގެ ހީރޯ' އަކަށް

އިގްބާލް މޫދުގައި ---

ފަތުރުވެރިން ގޮވައިގެން މޫދު އަޑީގެ ބަގީޗާ ދައްކާލަން ދާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިގްބާލް ބިލާލަށް ގޮސް ފުންމާލެވެނީ ކުނި ގޮޑެއްގެ ތެރެއަށެވެ. އެކަމުގެ ޝަކުވާ އަބަދުވެސް ފަތުރުވެރިން ކުރެއެވެ. ޑައިވް މާސްޓަރެއްގެ ގޮތުގައި ތާޑްޕާޓީކޮށް ރ. އަތޮޅު އެމަރެލްޑް މޯލްޑިވަސް ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ, އިގްބާލް ދިޔައީ އެކަމަށް ހައްލެއް ގެނެވޭނެ ގޮތަކާ މެދު ވިސްނަމުންނެވެ.

ގެސްޓުން ގޮވައިގެން ޑައިވް ކުރާތާ 13 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިގްބާލް ބުނީ, އެ ކުނިތަކަކީ އެ ރިސޯޓުން މޫދަށް އަޅާ ފުޑް ވޭސްޓާއެކު އުކާލާ ކުނިތައްކަން އޭނާއަށް ޔަގީންވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ އެ ރިސޯޓްގެ އެޗްއާރުގައި އޭނާ ކުރިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު, ޓީޖީއައި ޑައިވް ސްކޫލްގެ ޑައިވް ގައިޑެއްގެ ގޮތުގައި އެމަރެލްޑް މޯލްޑިވަސް ރިސޯޓްގައި ވަޒީފާ އަދާކުރަން ފެށި އިގްބާލަށް, ފުޑްވޭސްޓާއެކު ޕްލާސްޓިކް ކޮތަޅުގެ އިތުރުން ގިނަ އަދަދެއްގެ ތެޔޮ ވެސް ކުނީގެ ތެރެއިން ފެނެއެވެ.

ދުވަހެއް ދުވަހަކުން ޑައިވް ޕޮއިންޓްތަކުން ފެންނަމުން ދިޔަ ކުނިބުނި ދިޔައީ އިތުރުވަމުންނެވެ. އެ ރިސޯޓް ކައިރީގައި ހުރި ހުރިހާ ޑައިވް ޕޮއިންޓްތަކަކުން ކަހަލަ ގޮތަކަށް, ފުޑް ވޭސްޓާ އެކު އުކާލާ ފެހި ކުލައިގެ ބޮޑެތި ޑަސްބިން ކޮތަޅުތައް ދިޔައީ ފެންނަމުންނެވެ.

އެކަމަށް ހައްލެއް ހޯދުމަށް އަޒުމު ކަނޑައަޅައިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިގްބާލް 'ހެއްކާއި' އެކު އެޗްއާރަށް އެކަން ރިޕޯޓްކުރިއެވެ. ކުނިތަކުގެ ފޮޓޯއާ އެކު ފޮނުވުމުން ވެސް ޖަވާބަކަށް ލިބުނީ މީގެ ކުރިން ވެސް ލިބޭ ޖަވާބެވެ. ސެކްޝަންގެ ހެޑަށް އިންފޯމް ކުރި ކަމަށެވެ.

"އެ ޖަވާބު ލިބުމުން ދެ ދުވަސް ބެލިން, 27, 28 ވަނަ ދުވަހު ވެސް ހަމަ ސޭމް," އިބްގާލް ބުންޏެވެ.

އެމަރެލްޑް މޯލްޑިވަސް ރިސޯޓުން ކުނި އުކާލުމަށް ދޯންޏަށް ބަރުކޮށްފައި ---

ބުރާސްފަތި ދުވަހުގެ ހެނދުނު ޑައިވަށް ފުރަން ތައްޔާރުވަމުން ދިޔައިރު ވެސް އެ ރިސޯޓުން ދިޔައީ ކުނިތައް ލޯޑް ކުރަމުންނެވެ. މެންދުރު ފަހު މާފަރު ކޭވަށް ޑައިވީނަށް ފޭބި ތަނުން ކަހަލަ ގޮތަކަށް އޭގެ ޑަސްޓްބިން ކޮތަޅެއް ގެސްޓަކު ނެގިއެވެ. ފަތުރުވެރިއާއަތަށް ކޮތަޅު ދޫކޮށްލުމުގެ ބަދަލުގައި ބޮނޑިކޮށްލާފައި އިގްބާލު އޭތިލީ އޭނާ ލައިގެން ހުރު ޖެކެޓް (ބީސީޑީ) ތެރެއަށެވެ.

"ކޮތަޅު ބޮނޑިކޮށްލަން ހިފާލީމަ ސޮސެޖުތަކާއި އެކު ތެޔޮ ގަނޑެއް ފޭބި. މުޅި އަތްވެސް ތެޔޮވި. ބީސީޑީ ޕޮކެޓަށްލި އިރުވެސް އިނގޭ ވަސް ދުވާނެކަން ވެސް," އިގްބާލު ބުންޏެވެ.

އިގްބާލް މޫދުގައި ---

ތަންކޮޅަކަށް ޑައިވް ކޮށްލާއިރު ކުނިބުންޏާއެކު ބައިވަރު ޓިޝޫތައް ވެސް ފެނުނެވެ. މަސްތައް އެ އެއްޗެހި ކެއުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރުވެސް ފެނެއެވެ. އެދުވަހު އިގްބާލް 25 މީޓަރަށް ކުރި ޑައިވް ނިންމާލިއިރު ޑަސްބިން ކޮތަޅުގެ ތިން ކޮތަޅު ނެގިއެވެ. އެއީ އެ ރިސޯޓުން އުކާލާފައިވާ ކޮތަޅު ކަން ކަށަވަރުވާ ކަމަށް އިގްބާލް ބުންޏެވެ.

"އެމީހުން ކައިރީގައި އަސްލު ވަރަށް ގިނަ ދުވަހު ބުނެވިއްޖެ އެކަން އިސްލާހު ކުރަން. ގެސްޓުން ގޮވައިގެން މޫދު އަޑީގެ ބަގީޖާ ދައްކާލަން ގޮސް ކުނި ހޮވަން މި ޖެހުނީ. އެ ދުވަހު އަސްލު ވަރަށް ކަޑަވި," އިގްބާލް ކިޔައިދިނެވެ.

އިގްބާލްގެ ކެތްތެރިކަން ކޮޅުންލައި އެ ދުވަހު އެކަން ވަކި ގޮތަކަށް ނިންމުމަށް އޭނާ ބޭނުންވިއެވެ. ޑައިވް ނިންމާލުމަށްފަހު ކޮތަޅުތައް ހިފައިގެން އޭނާ ދިޔައީ ފްރަންޓް އޮފީހުގެ ރިސެޕްސަނަށެވެ. ކަން ދިމާކުރި ގޮތުން އެތަނުގައި އޭރު އެއްވެސް ގެސްޓެއް އަދި ރިސެޕްޝަނުގައި ވެސް މީހަކު ނެތެވެ. ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލިއެވެ. ރިސެޕްޝަނިސްޓް އައުމުން އެތަނުގައި ކޮތަޅުތައް ބެހެއްޓުމަށްފަހު ޖެނަރަލް މެނޭޖަރަށް އެކަން ދަންނަވާލުމަށް އެދި އަނބުރާ މަސައްކަތައް އިގްބާލް ދިޔައީއެވެ.

އިގްބާލްގެ އެ 'ހިތްވަރުގަދަ' އަމަލާ އެކު ރިސޯޓް އެލާޓަށް އައެވެ.

"އިގޭއޭ ކިހިނެއްހޭ ތިހެދީ. އޭރު އެ މީހުން ހުރީ އޭގެ ފޮޓޯ ނަގައި ބޭސް ލީޑާރަށް މެއިލްކޮށްފަ. އަހަރެން ބުނީ ތީ ހަމަ އެނގިގެން ގަސްތުގައި ކުރިކަމެކޭ. އެކަމުގެ ހައްލެއް ހޯދުމަށް ކުރި ކަމެކޭ. ތިކަމުގައި އަހަރެން މިހާރު ފޮނުވާލިޔަސް ފަރުވާލެއް ނެތޭ," މަޑުމައިތުރި މިޒާޖެއްގެ އިގްބާލު ކިޔައިދިނެވެ.

ފަތުރުވެރިންތަކަކާއި އެކު އިގްބާލް މޫދުގައި ---

ހަމަ އެ ދުވަހު އޭނާއަށް އެންގީ ޖެހިގެން އޮތް ހުކުރު ދުވަހު މާލެ ދިއުމަށް ރެޑީވުމަށެވެ. ޑައިވިން ސްކޫލްގެ އޯނަރާއި ވާހަކަ ދެއްކުމަށެވެ. އިތުރު އެއްވެސް ޝަކުވާއެއް އަދި ދެކޮޅުވެރިކަމެއް ނުދައްކައެވެ. ކިޔަމަންތެރިކަމާ އެކު އިގްބާލު އައީއެވެ.

ވެށީގެ ދިފާއުގައި އިގްބާލު އަޑު އުފުލި ގޮތް ރިސޯޓަކަށް ބަލައެއް ނުގަނެވުނެވެ. އެ ރިސޯޓުން އޭނާ ބޭރުކުރީއެވެ. ނަމަވެސް އިގްބާލަކީ ޓީޖީއައި ޑައިވް ސެންޓަރަށް މުހިންމި ޑައިވް ގައިޑެކެވެ. ދިވެހިން މިއަދު އޭނާ ބަލައިގަންނަނީ ކެރޭ، ހިތްވަރުގަދަ ތިމާވެށީގެ ޗެމްޕިއަނެއްގެ ގޮތުގައެވެ.

"އަހަރެން މަޝްއޫރުވާކަށް ބޭނުމެއް ނޫން. އޭގެ ސަބަބުން ވެސް ކަނޑަށް އަޅާ ކުނި މަދުވެއްޖިއްޔާ އެ ނިމުނީ," އިގްބާލު ބުންޏެވެ.

އިގްބާލުގެ ދިފާއުގައި ދިވެހިން:

އިގްބާލް ދަންނަ އޭނާއާ އެކު މަސައްކަތް ކުރި ބައެއް ޑައިވަރުން ބުނި ގޮތުގައި, އިގްބާލަކީ މަޑުމައިތިރި އަދި ސަކަ މިޒާޖެއްގެ ކިޔަމަންތެރި މީހެކެވެ. ނަމަވެސް ވެށީގެ ހިމާޔަތުގައި އޭނާ ކޮންމެ ފަދަ ކަމެއް ކޮށްފާނެ ކަމަށް ވެސް ބައެއް އެކުވެރިން ގަބޫލުކުރެއެވެ.

"އަސްލު އިގޭއަކީ ތިމާވެއްޓަށް ވަރަށް ލޯބި ކުރާ މީހެއް. އަހަރުން އެންމެން ކައިރީގަ ވެސް ވަރަށް ދެރަވެފަ ކިޔާނެ ޑައިވް ކުރާއިރު ޕްލާސްޓިކާއި ކުނި ފެންނަ ވާހަކަ. ކަނޑުތަކުގެ ދިފާއުގައި ވާހަކަ ދައްކަން ހުރީ އަހަރުމެން ކަމަށް ވެސް ވަރަށް ގިނައިން ބުނާނެ," އިގްބާލްގެ އުފަން ރަށް އއ. ހިމަންދޫއާ ޖެހިގެން އޮންނަ މޫފުށި ރިސޯޓްގައި އޭނާއާ އެކު މަސައްކަތް ކުރި ޑައިވަރެއް ކިޔައިދިނެވެ.

ތިމާވެށީގެ އެންމެ ބިޔަ ބޮޑު ސަމިޓް، ކޮޕް26 އަށް ދުނިޔޭގެ ހުރިހާ ލީޑަރުންތައް އެއްވަމުން ދަނީއެވެ. ރާއްޖޭގެ ދެ ބާރުގެ ވެރިންވެސް ވީ ސްކޮޓްލަންޑްގެ ގްލަސްގޯގައެވެ.

ވެށީގެ ޗެމްޕިއަނެއްގެ ގޮތުގައި ދިވެހިން ބަލައިގަނެފައިވާ އިގްބާލުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

comment ކޮމެންޓް