10،000 މެންބަރުން ހަމަކުރުމަށް އެމްއެންޕީން ދޮރުން ދޮރަށް

އެމްއންޕީން އިއްޔެ ކުރިއަަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10،000 މެންބަރުން ހަމަކުރުމަށް ދޮރުން ދޮރަށް ހާއްސަ ކެމްޕޭނެއް އިއްޔެ ފަށައިފިއެވެ.

އެމްއެންޕީގެ މެދު ރީޖަންގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް "ސަން"އަށް ވިދާޅުވީ މި ހަރާކާތުގެ އަމާޒަކީ އަންނަ މަހުގެ 15ވަަނަ ދުވަހުގެ ކުރިން އެ ޕާޓީއަށް 10،000 މެންބަރުން އިތުރު ކުރުން ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ޑޯޓުޑޯ ކުރިއަށް ގެންދާނެ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވިގޮތުގައި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އަންނަނީ އެމްއެންޕީއަށް ސޮއި ކުރަމުންނެވެ.

އެމްއެންޕީގެ ގިނަ މެންބަރުންތަކެއް ދޮރުން ދޮރަށް ހަރަކާތުގައި އަމަލީ ގޮތުން އަންނަނީ ބައިވެރިވަމުން --- ފޮޓޯ / އެމްއެންޕީ

"މި ހަރަކާތް މި ފެށުނީ މާލެއިން. އަދި މި ހަފްތާ ބަންދުގައި އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މި ހަރާކާތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީ ރަޖިސްޓްރީ ވުމާ ގުޅިގެން އަންނަ ހަފްތާއިން ފެށިގެން މީހުން ގިނައިން ދިރިއުޅޭ އަތޮޅު ތެރޭގެ ރަށްތަކުގައި ރަސްމީ ގޮތެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަންވެސް ކުރައްވަމުން އަންނަ އުޝާމް ވިދާޅުވިއެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން ރަސްމީކޮށް ހިމަނައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

comment ކޮމެންޓް