އިންޑިއާއިން 5،000 ކިލޯމީޓަރުގެ ރާސްތާގެ ބަލިސްޓިކް މިސައިލެއް ތަޖްރިބާކޮށްފި

އިންޑިއާއިން މިސައިލެއް ތަޖްރިބާ ކުރަނީ (ފައިލް ފޮޓޯ)

ނިއުދިއްލީ (28 އޮކްޓޯބަރު): އިންޑިއާއިން އުފައްދާފައިވާ "އަގްނީ" މަރުކާގެ ދުރުރާސްތާގެ ބަލިސްޓިކް މިސައިލެއް އެގައުމުގެ ސިފައިން ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިއެވެ.

އިންޑިއާގެ އަސްކަރިއްޔާ އާ ހަވާލާދީ އެގައުމުގެ ނޫސްތައް ބުނާގޮތުން އަލަށް ތަޖްރިބާކުރި މިސައިލަކީ އަގްނީ-5 ގެ ނަމުން ނަންދީފައިވާ ފަސްހާސް ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަަމަށާ މިސައިލް ތަޖްރިބާ ކާމިޔާބެވެ.

ފަސްހާސް ކިލޯމީޓަރުގެ ރާސްތާގެ މި މިސައިލަކީ ނިއުކްލިޔާ ވޯހެޑަކާއެކު އެއްބައްރުން އަނެއްބައްރަށް ދަތުރުކުރުމުގެ ގާބިލްކަންވެސް ލިބިފައިވާ މިސައިލެއް ކަމަށްވެއެވެ. ނިއުކްލިޔާ ވޯހެޑަކާއެކު އެއްބައްރުން އަނެއްބައްރަށް ދަތުރުކުރުމުގެ ގާބިލް މިސައިލްއަކީ ސްޓްރެޓީިޖިކް މިސައިލްއެވެ. މިހާ ދުރުރާސްތާގެ މިސައިލެއް އިންޑިއާއިން ތަޖްރިބާކުރުމަކީ ނާދިރުކަމެކެވެ. މީގެކުރިން އިންޑިއާއިން ތަޖްރިބާކުރަނީ ކުރުރާސްތާއާއި މެދު ރާސްތާގެ މިސައިލް އެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ބޮޑަށް މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރާ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެވެ. މި ހަތް ގައުމަކީ އެމެރިކާ، ރަޝިއާ، ޗައިނާ، އުތުރުކޮރެއާ، އިންޑިއާ، ޕާކިސްތާން، އަދި އީރާންއެވެ. މިނޫން އެތަށް ގައުމަކުންވެސް މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރެއެވެ. ނަމަވެސް މިސައިލް ޓެކްނޮލޮޖީގެ ރީސާޗްތައް އެންމެ ގިނައިން ކުރަނީ އެ ހަތް ގައުުމުން ކަމަށްވެއެވެ.

ޗައިނާ ދާދިފަހުންވަނީ އަޑަށްވުރެ ފަސްގުނައަށް ބާރަށް ދަތުކުރާ ހައިޕާ ސޮނިކް މިސައިލެއް ފަޒާއަށް ފޮނުވައިގެން ތަޖްރިބާކޮށްފައި ކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ. އެހެންކަމުން މިއީ އިންޑިއާއިން އެގައުމުގެ މިސައިލް ޓެކްނޮލޮޖީގެ ކުޅަދާނަކަން ދައްކާލުމަށް ކުރި ތަޖްރިބާއެއްކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާ ސިފައިން "އަގްނީ-5" ގެ މިސައިލް ތަޖްރިބާކުރުމަށް އުދުއްސާލިކަމަށްވަނީ އެގައުމުގެ އިރުމަތީގައިވާ އެކަހެރި ސަރަހައްދަކުންނެވެ. އެ މިސައިލް ވެއްޓުނުކަމަށްވަނީ ބޭ އޮފް ބެންގޯލަށެވެ. "އަގްނީ-5" ގެ މި މިސައިލަކީ ޗައިނާއާއި ޕާކިސްތާނުގެ ހުރިހާ ސަރަޙައްދަކަށްވެސް ހަމަލާދެވޭވަރުގެ މިސައިލެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ޕާކިސްތާނާއި ޗައިނާއަކީވެސް އިންޑިއާގެ ކޮންމެތަނަކަށް ހަމަލާ ދެވޭވަރުގެ މިސައިލްތައް އުފައްދާ ދެގައުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް