ނިއުކްލިޔާ ވާހަކަތައް އަލުން ފަށާނީ އަންނަމަހުގެ ފަހުކޮޅު: އީރާން

އީރާނުގެ އައު ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން

ތެހެރާން (28 އޮކްޓޯބަރު): އީރާނުގެ ނިއުކްލިއާ އެއްބަސްވުން އަލުން ދިރުވުމަށްޓަކައި އެމެރިކާއާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތައް އަންނަ މަަސް ނިމުމުގެ ކުރިން ފަށާނެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖިއްޔާއިން ބުނީ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމުގެ މަޝްވަރާތައް އަންނަ ނޮވެމްބަރުމަސް ނިމުމުގެކުރިން ފެށުމަށް ޔޫރަޕްގެ އިއްތިޙާދާއެކު މިހާރު އެއްބަސްވުމަކަށް އާދެވިއްޖެ ކަމުގައެވެ. އީރާނުން ނިއުކްލިއާ އެއްބަސްވުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނުން 2015 ވަނައަހަރު ސޮއިކޮށް އެއާ އެއްގޮތަށް އީރާން އަމަލުކުރަމުން ގެންދިޔަ އެއްބަސްވުމެކެވެ.

އެއެއްބަސްވުން އަލުން ދިރުވަންޖެހުނީ 2018 ވަނައަހަރު އެމެރިކާ އެކަހެރި ގޮތެއްގައި އެ އެއްބަސްވުމުން ވަކިވުމާ ގުޅިގެންނެވެ. އެއްބަސްވުމުން ވަކިވުމުގެ ކުރިން އެމެރިކާވަނީ އެއެއްބަސްވުމާ ޚިލާފަށް އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އީރާން އިނދަޖައްސާލުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެ އެއްބަސްވުމުން އެމެރިކާވަކިވީ އޭގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމާއި މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ހުއްޓުވުން ނުހިމެނޭތީ އެދެކަންތައް ހިމަނައިގެން އައު އެއްބަސްވުމެއް އެކުލަވާލައި އެ އެއްބަސްވުމުގައި އީރާން ލައްވައި ސޮއިކުރުމަށް މަޖްބޫރު ކުރެވޭނެކަމުގެ އުންމީދުގައެވެ. މިއީ އިސްރާއީލުގެ ފިއްތުންތަކާ ގުޅިގެން އެމެރިކާ ރޭވި ނާކާމިޔާބު ކަންތައްތަކެއްކަމަށްވަނީ ބެލެވިފައެވެ.

ނަމަވެސް އެމެރިކާ އެދޭފަދަ އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް އީރާންވަނީ ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ. މިއާއެކު އައުއެއްބަސްވުމުގައި ސޮއިކުރަން އީރާނަށް މަޖްބޫރުވާވަރަށް ފިޔަވަޅުތައް ހަރުކަށިކޮށް އިގްތިސާދީ ގޮތުން އީރާން އިނދަޖައްސާލުމަށް އެމެރިކާއަށް ކުރެވުނުހާ މަސައްކަތެއްކުރި ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމުނުއިރުވެސް މިމަގްސަދު އެމެރިކާއަށް ހާސިލެއް ކުރެވިފައެއް ނުވެއެވެ.

އީރާނުގެ ކުރީގެ ސަރުކާރުން ވިއެނާގައި ކުރިޔަށްގެންދިޔަ ނިއުކްލިޔާ މަޝްވަރާތައް

އަނެއްކޮޅުން ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމުގެ ސަބަބުންނާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އީރާނަށް އަމާޒުކުރުމާ ގުޅިގެން އީރާނުންވެސްވަނީ އެއްބަސްވުމާ ޚިލާފަށް ނިއުކްލިޔާ ހުރިހާ ހަރަކާތްތަކެއް އަލުން ފަށާފައެވެ. މީގެތެރޭގައި މަތީފެންވަރަކަށް ޔުރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ހަލުއިކޮށް އަލުން ފެށުންވެސް ހިމެނެއެވެ.

މިއަހަރު އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ޖޯ ބައިޑެންގެ ސަރުކާރުންވަނީ 2015 ގައި އޮއްގޮތަށް މިއެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވާނެކަމާއި އެއްބަސްވުމުން އެމެރިކާ ވަކިވުމަކީ ޓްރަމްޕްގެ ސަރުކާރުން ހެދި ވަރަށްބޮޑު ގޯހެއްކަމަށް ބުނެފައެވެ. އަދި އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި އީރާން އިނދަޖައްސާލައިގެން އައުއެއްބަސްވުމެއްގައި ސޮއިކުރަން އީރާނަށް މަޖްބޫރުކުރަން ޓްރަމްޕްގެ ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށްވެސް ބައިޑެންގެ ސަރުކާރުންވަނީ ބުނެފައެވެ.

މިއާއެކު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަ ވުމުގެ ވާހަކަތައް މާޗްމަހު އެމެރިކާއާއި އީރާނާދެމެދު ފެށިއެވެ. މިވާހަކަތައް ބިނާވެފައިވަނީ އެމެރިކާ އަލުން އެނބުރި އެއްބަސްވުމަށް ރުޖޫއަވުމާއި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން ފެށި ނިއުކްލިޔާ ހަރަކާތްތައްވެސް ހުއްޓާލުމުގެ މައްޗަށެވެ.

ނަމަވެސް މިވާހަކަތައް ކޮޅެއްގައި ނުޖެހި އުޅެނިކޮށް އީރާނުގެ އައު ރައީސް އިބްރާހީމް ރައީސީ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވާތީ މިދިޔަ ޖުލައިމަހު އީރާނުގެ ކުރީގެ ސަރުކާރުންވަނީ ނިއުކްލިޔާ ވާހަކަތައް މެދުކަނޑާލާފައެވެ. އެއަށްފަހު ނިއުކްލިޔާ ވާހަކަތައް އަލުން ފަށާނެ ތާރީޚެއް އީރާނުގެ އައު ސަރުކާރުން ދީފައެއް ނުވެއެވެ.

އޭގެބަދަލުގައި އީރާނުގެ އައު ސަރުކާރުން ވަނީ އެއްބަސްވުމާ ޚިލާފަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ކަންތައް ބާރުމިނެއްގައި ކުރިޔަށް ގެންދަން ފަށާފައެވެ. މިކަމުގެ ބޭނުމަކީ އީރާން ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރެއް އުފެއްދޭ މިންވަރަށް ނިއުކްލިޔާ ގާބިލްކަން ހޯދުންކަމަށް އެމެރިކާވަނީ ތުހުމަތުކޮށްފައެވެ.

މިއާއެކު އެމެރިކާވަނީ އެއްބަސްވުމަށް ބަދަލުގެނައުމުގެ ވާހަކަތައް ހުއްޓާލައި ކުރީގެ އެއްބަސްވުން އަލުންދިރުވުމުގެ ވާހަކަތައް އަލުން ފެށުމަށް އެތަށްފަހަރަކު އީރާނަށް ގޮވާލާފައެވެ. ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އީރާނަށް ލިބުނު 3 އަހަރުގެ ފުރުސަތުގައި އީރާންވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތުކޮށްފައި ކަމަށާ މިހާރު އީރާނަކީ ބޭނުންވެއްޖެނަމަ ދެތިން ހަފްތާ ތެރޭގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހުރިހާ ގާބިލްކަމެއް ލިބިފައިވާ ގައުމެއްކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ. އަދި ސިއްރިޔާތުގައި އީރާނުން ނިއުކްލިޔާ ހަތިޔާރު ހަދާފައި އޮތުމަކީވެސް ދުރުކަމެއް ނޫންކަމަށް ޖާސޫސީ ބައެއް ރިޕޯޓްތައް ބުނެއެވެ.

އީރާން ބުނަނީ އެގައުމުން ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީ ކުރަނީ މަދަނީ ބޭނުންތަކަށް އެކަނި ކަމަށާ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް އީރާނުގެ ދުޟްމަން އިސްރާއީލާ އަދި އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު ބޭނުންވަރަކަށް އުފައްދަމުން ގެންދާއިރު އަދި އެދެގައުމުން އަބަދުވެސް އީރާނަށް ބިރު ދައްކަމުން ގެންދާތީ އީރާނުން އެގައުމުގެ ދިފާއުގައި އަސްކަރީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ނުކޮށް ނޯންނާނެކަމަށް އެމެރިކާއާއި އިސްރާއީލާ އަދި ޔޫރަޕްގެ ބޮޑެތި ބާރުތައް ދެކެއެވެ.

comment ކޮމެންޓް