އަހަރުތަކަކަށްފަހު ރާނީ މުކަރުޖީ އާއި ސައިފް އެއްކޮށް ފެނިގެންދާ ފިލްމެއް ނެރެނީ

ސައިފް އަލީ ހާން އަދިި ރާނީ މުކަރުޖީ

ގިނަ އަހަރުތަކަކަށްފަހު ސައިފް އަލީ ހާނާއި ރާނީ މުކަރުޖީ އެއްކޮށް ފިލްމަކުން ފެންނާނެ ކަމަށް އަޑު ފެތުރިއްޖެއެވެ.

"ތަ ރަ ރަމް ޕަމް" އާ އެއްގޮތަށް މި ދެ ފަންނާނުންގެ އާ ފިލްމުގައި ނަށާ މަންޒަރު ވެސް ފެނިގެންދާނެ ކަމަށް އިތުބާރު ހިފޭ މީޑިއާއެއްގައި ބުނެފައިވެއެވެ.

ސައިފް އާއި ރާނީ ނެރެން ހަމަޖެހިފައިވާ އާ ފިލްމަށް ކިޔާ ނަމަކީ "ބަންޓި އޯރު ބަބްލީ 2" އެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި ވެސް ރާނީ މުކަރުޖީ ވަނީ ފެނިފައެވެ.

މި ފިލްމާ ބެހޭ ގޮތުން ސައިފް ބުނެފައިވަނީ މި ފިލްމުގެ ލަވަތަކަކީ ވަރަށް ރޮމޭންޓިކް ލިރިކްސް ހިމެނޭ ލަވަތަކަށް ވާއިރު އެދެމީހުން މިފަދަ ލަވައަކުން ފެނިގެންދިޔުމަކީ އޭނާ ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ.

"ވަރަށް ފަހުރުވެރިވޭ މި ލަވައިގައި ރާނީ އާއެކު މަސައްކަތް ކުރެވޭތީ ވެސް. އަހަރެމެން ދެމީހުންގެ "ހަމްތުމް" ވެގެން ގޮސްފައިވަނީ ވަރަށް މަގުބޫލު ފިލުމަކަށް. އަދި ލަވަތައް ވެސް ގިނަ ބަޔަކަށް ކަމުދިޔަ. އަބަދުވެސް ރާނީ އާއެކު ނަށާހިތްވޭ. އޭނާ އަކީ ހުނަރުން ފުރިގެންވާ މީހެއް،" ސައިފް ބުނެފައިވެއެވެ.

ހަމައެހެންމެ ރާނީ ބުނެފައިވަނީ މި ފިލްމުގެ ލަވައެއް ކަމަށްވާ ޓެޓު ވާލިޔޭ ވެގެންދާނީ ބެލުންތެރިންނަށް ކަމުދާނެ ލަވައަކަށް ކަމަށާއި އެ ލަވައިން ސައިފްގެ އިތުރުން ޝިދާތާއި ޝަރުވަތީ ވެސް ފެނިގެންދާނެ ކަމަށެވެ.

"އަހަރެމެން މިތިބީ ވަރަށް މި ލަވައިގައި ފޯރިނަގަން ތައްޔާރަށް. އެގޮތުން މިހާރު މިއުޅެނީ ޝޫޓިން ވެސް ފަށައިގެން. އަބަދުވެސް ސައިފް އަކީ އަހަރެން ފިލުމެއްގައި އެމީހަކާއެކު މަސައްކަތް ކުރަން ބޭނުންވާ އެކަކު. އަހަރެމެން ދެމީހުން ވަނީ ފިލްމީ ދާއިރާގަ އެތައް ލަވަތަކަކާއި ފިލްމުތަކެއް މީގެ ކުރިން ވެސް ކުޅެފައި. އެހާ ގިނަ އަހަރުފަހުން އަނެއްކާވެސް ސައިފް އާއެކު ލަވައަކުން ފެނިގެންދިޔުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރާނީ ބުނެފައިވެއެވެ.

މި ދެ ފަންނާނުންނަކީ ބޮލީވުޑުގައި މަގުބޫލު އެތައް ފިލްމުތަކެއް ކުޅެ ތަޖުރިބާ ހުރި ހުނަރުން ފުރިގެންވާ ފަންނާނުންނެވެ.

މި ދެމީހުން ފެނިގެންދިޔަ ފިލްމުތަކުގެ ތެރޭގައި "އޯމް ޝާންތި އޯމް" އަދި "ލަކް ބައި ޗާންސް" ހިމެނެއެވެ.

މީގެ އިތުރުން "ކަލް ހޯ ނަ ހޯ" އަކީ އަދިވެސް ގިނަ ބަޔަކު އެންމެ ގަޔާވާ ފިލުމަކަށް ވަނީ ވެފައެވެ.

comment ކޮމެންޓް