މިދިޔަ މަހުގެ 16 ވަނަ ދުވަހުގެރޭ މެންދަމު ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާންގެ ގެއަށް ވައްކަން ކުރުމުގެ ނަމުގައި ވަދެ އުޅުނު މީހާގެ ފަރާތުން ލިބުނު ހަމަލާއާ ގުޅިގެން އެރޭ ކަންތައް ހިނގާދިޔަގޮތް ސައިފް މީޑިއާއާ ހިއްސާކޮށްފިއެވެ.
ނެޓްފްލިކްސްއިން އިންޑިއާގެ މުމްބާއީގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ސައިފް ބުނީ ބައެއް މީޑިއާތަކުން އެކި ތިއަރީތަކަށް ބިނާކޮށް އޭނާއަށް ދިމާވި ހާދިސާއާ ގުޅޭގޮތުން ސުވާލު އުފައްދާފައިވާ ކަމަށެވެ.
ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުގައި ސައިފް ބުނީ އެންމެ ބޮޑު އިސްކަމެއް އެކްޓަރު ދިނީ އަންހެނުންނާއި ދެ ކުދިން ކަމަށްވާ ތައިމޫރު އަދި ޖޭއަށް ހިމާޔަތް ހޯދައިދިނުމަށް ކަމަށެވެ.
ވައްކަން ކުރަން އުޅުނު މީހާ ސައިފަށް ފެނުނުއިރު ހުރީ ހަގު ދަރިފުޅު ޖޭގެ ކޮޓަރީގައި ކަމަށާއި އެ ވަގުތު ވެސް އެ މީހާ އަތުގައި ތޫނު ދެ ވަޅި އޮތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ސައިފަށް ހަމަލާދިނީ ޖޭ އެމީހާގެ އަތްދަށުން ސަލާމަތް ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ކަމަށާއި އެ ވަގުތު ލިބުނު ޒަޚަމްތަކުގެ ތަދު އެއްވެސް ވަރަކަށް އިހުސާސް ނުކުރެވޭ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173924180318U92V.jpg)
ސައިފް އަލީ ޚާން އަންހެނުން/ބަތަލާ ކަރީނާ ކަޕޫރު ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
ކިރިޔާވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އަންހެނުން ކަރީނާ ދެ ކުދިންނާ އެކު ގޭގައި ގެންގުޅޭ މަސައްކަތު މީހުން އެހެން ކޮޓަރިއަކަށް ގެންދިޔަކަމުގެ އިހުސާސް ކުރެވުމުން ކަމަށް ސައިފް ވަނީ ބުނެފައެވެ.
އެވަގުތު ހުރިހާ އެންމެން ވެސް ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި ކަރީނާ ވަރަށް ގިނަ މީހުންނަށް އެވަގުތު ފޯނު ގުޅޭތޯ މަސައްކަތް ކުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ނަމަވެސް ވަގުތުގެ ގޮތުން އެއްވެސް ބަޔަކު ފޯނަށް ޖަވާބެއް ނުދޭ ކަމަށާއި ކަރީނާ ދެން އަވަސްވެގަތީ ސައިފް ހޮސްޕިޓަލަށް ގެންދަން ޓެކްސީއެއް ހޯދުމަށް ކަމަށް ސައިފް ބުނެފައިވެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173924187913Snx4.jpg)
ސައިފްގެ ކުރިއަށް ވެބް ސީރީސް "ޖުވެލް ތީފް"ގެ ޑައިރެކްޓަރު ސިދާތު އާނަންދުއާ އެކު--ފޮޓޯ/އިންޑިއާފޯރަމް
އެވަގުތު ގޭގައި އެއްވެސް ޑްރައިވަރެއް ނެތުމުން ވެސް ގިނަބަޔަކު ސުވާލު އުފައްދާފައިވާ ކަމަށާއި ސައިފްގެ އާއިލާގެ ޑްރައިވަރުންނަކީ އަބަދުވެސް ޑިއުޓީ ނިންމުމަށްފަހު ރޭގަނޑު ގެއަށްދާ މީހުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ކުރޮޅިއެއްގެ އެހީގައި ސައިފާކު ހޮސްޕިޓަލަށް ދިޔައީ ދަރިފުޅު ތައިމޫރު ކަމަށާއި ދަރިފުޅު އަމިއްލައަށް އެވަގުތު ބޭނުންވީ ސައިފާއެކު ދިއުމަށް ކަމަށް އެކްޓަރު ބުނެފައިވެއެވެ.
ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ސައިފް ގާތުން ބައްޕަ މަރުވަނީތޯ ތައިމޫރު އެހި ކަމަށް ވެސް މި އިންޓަވިއުގައި ސައިފް ވަނީ ބުނެފައެވެ. ސައިފް ހޮސްޕިޓަލަށް ފޮނުވާލުމަށްފަހު ކަރީނާ ދިޔައީ ދައްތަ، ބަތަލާ ކަރިޝްމާގެ ގެއަށް ކަމަށާއި ފަހުން ކަރީނާ ހޮސްޕިޓަލަށް ދިޔަ ކަމަށް ބުންޏެވެ.
ސައިފް ލިބުނު ޒަޚަމްތަކަށް އަވަސް ފަރުވާ ލިބުނީ ކުރޮޅި ދުއްވަންއިން ޑްރައިވަރުގެ ސަބަބުން ކަމަށާއި އިހުލާސްތެރި ހިތްހެޔޮ އޯގާތެރި މީހުން އަދިވެސް އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ސައިފް ވަނީ ބުނެފައެވެ.
ސައިފްގެ މައިބަދައަށް ލިބުނު ޒަޚަމްތަކާ ގުޅިގެން މިހާރުވެސް 30 ލަކުނު އެބަހުރި ކަމަށާއި ނަމަވެސް ބަލާބެލުމަށް ބައެއް މީހުންނަށް ހީވަނީ ސައިފަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ކަމުގައި އެކްޓަރު ވަނީ ބުނެފައެވެ.
އެހެންނަމަވެސް މިއަދު ދެ އަތާ ކަނދުރާ ރަނގަޅަށް ހަރަކާތް ކުރުމަކީ އެކްޓަރުގެ ހެޔޮ ނަސީބު ކަމަށާއި ގެއަށް ވައްކަން ކުރަން ދިޔަ މީހަކު އޭނާ މަރައިނުލާ އެވަގުތު ފިލައިގެން ދިޔުމަކީ ވެސް ނަސީބެއް ކަމަށް ދެކޭ ކަމުގައި އެކްޓަރު ވަނީ ބުނެފައެވެ.
ސައިފް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ނެޓްފްލިކްސްގައި މި އަހަރު ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައިވާ ސީރީސް "ޖުވެލް ތީފް"އިންނެވެ.