އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަން އަންނަ ނޮވެމްބަރު މަހުގެ 11 ގައި ކައިވެނި ކުރަން ނިންމައިފިއެވެ.
ހިލްޓަން އާއި އޭނާގެ ލޯބިވެރިޔާ ކާޓާ ރިއަމް މިއަހަރުގެ ކުރީކޮޅު އެންގޭޖުވެ އެކަން އިއުލާނުކުރީ ފެބްރުއަރީ މަހުގެ 17 ގައެވެ. އަދި އެ ދުވަހަކީ ހިލްޓަން އަށް ހާއްސަ ދުވަހެކެވެ. ސަބަބަކީ އެއީ ހިލްޓަން އަށް 40 އަހަރު ފުރުނު ދުވަހަށް ވާތީއެވެ.
ހިލްޓަނާއި ކާޓާ އެންގޭޖްވީ 2019 އިން ފެށިގެން ޑޭޓްކުރުމަށް ފަހުއެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ދެ މީހުން އެކަކު އަނެކަކު ދަންނަތާ 15 ވަރަކަށް އަހަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.
ކައިވެނި އޮންނަ ދުވަހާ ގުޅިގެން އެންޓަޓެއިންމެންޓް ޓުނައިޓަށް ހިލްޓަން ބުނެފައިވަނީ މިހާރު ވެޑިން ޑްރެސް ވެސް ހުރީ ތައްޔާރަށް ކަމަށާއި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނީގެ ހަފްލާ ބާއްވާނެ ކަމަށެވެ.
"ޕެރިސް އިން ލަވް ގެ ނަމުގައި ކައިވެނީގެ ހަފްލާ ފިލްމު ކުރާނަން. އަދި ބެލުންތެރިންނަށް ދައްކާނަން. ތިން ދުވަހަށް މިކައިވެނީގެ ހަފްލާ ދެމިގެންދާނެ،" ހިލްޓަން ކިޔައިދިނެވެ.
މީގެ އިތުރުން މި ކައިވެނީގެ ތިން ދުވަސް ތެރޭގައި އޭނާ ޖުމުލަ ދިހަ ވަރަކަށް ތަފާތު ހެދުމެއް އެ ހަފްލާގައި ލާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މިދިޔަ ހޮނިހިރު ދުވަހު "ބްރައިޑަލް ޝަވާ" ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ. އަދި އޭގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ވެސް ޕޯސްޓް ކޮށްފައިވެ އެވެ.
ހިލްޓަން ކާޓާ އާއި ބެހޭގޮތުން ބުނެފައިވަނީ ހިލްޓަންގެ ހަޔާތުގައި ވެސް އަދި އެކަހަލަ ފިރިހެނަކާ ދިމާވެފައި ނުވާ ކަމަށާއި އޭނާ އަކީ ތަފާތު، ރަނގަޅު އަދި އޯގާތެރި މީހެއް ކަމަށެވެ.
"މިހާވަރަށް އަހަންނަށް ހިތްވަރުދީ ލޯބިވާ މީހަކު އަދި ހަޔާތުގައި ވެސް ދިމާނުވޭ. އެއީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިއަކީ ވެސް. އަހަރެންގެ ރީތި ހުސްކުރި އަކީ ވެސް އެއީ. ދެވަނަ އެއް ނެތް މީހެއް އޭނާއަކީ،" ހިލްޓަން ކާޓާ ސިފަކޮށްދެމުން ކިޔައިދީފައިވެއެވެ.
ގިނަ ބަޔަކާ ލޯބީގެ ގިނަ ގުޅުންތަކެއް ބޭއްވި ހިލްޓަން، ކާޓާއާ އެންގޭޖްވުމުގެ ކުރިން 2018 ގައި އެކްޓަރު/މޮޑެލް ކްރިސް ޒިލްކާއާ ވެސް އެންގޭޖްވި އެވެ. އެކަމަކު އެ އަހަރުގެ ކުރީކޮޅުގެ އެ އެންގޭޖްމަންޓް ފަހުން ރޫޅައިލީ އެވެ.