ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް، ފްރާންސްގެ ޕެރިހަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ފްރާސް ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2024 ވާ ހުކުރު ދުވަހުއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި، ދިވެހި އެތުލީޓުން ބައިވެރިވާ މުބާރާތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ މި މުބާރާތުގައި މިއަހަރު ބައިވެރިވާ ދިވެހި ވަފުދުގެ އެތުލީޓުންނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވައި މިކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި، ސަރުކާރުން ދިވެހި ކުޅިވަރު ތަރައްގީ ކުރުމަށް ދެއްވާ އިސްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.