އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެމީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފި

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫސިޓީ މަރަދޫ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި ދެމީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

މަރަދޫ ފޭދޫ ބޮޑުމަގުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ބައިސްކަލެއްގައި ޖެހި އެކްސިޑެންޓުވީ މިދިޔަ ހޯމަ ދުވަހުގެރޭގައެވެ.

ފުލުހުން ބުނީ އެރޭ 8:00 ޖަހާކަންހާއިރު، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ.

އެ އެކްސިޑެންޓުވި ވަގުތު ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހެނެވެ. އަދި ބައިސްކަލު ދުއްވީ 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓްވި ދެމީހުން ވެސް ފުރަތަމަ ގެންދިޔައީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ސައިކަލު ދުއްވަން އިން މީހާ އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސްފައިވާ އިރު ބައިސްކަލު ދުއްވަންއިން މީހާ އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި ދެމީހުންނަށް ވެސް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް