މަސްއޫދަށް ހަމަލާދިން ކަމަށް ތުހުމަތުކުރާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ: އޭނާއަށް ހަމަލަދިން ކަމަށް ތުހުމަތުކުރާ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ----

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ އިންޒާރުދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމުން, އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަގޮތުންނަމަ މަސްއޫދު ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއްގައި އައި މީހަކު ވަނީ އޭނާއަށް ހަމަލާދީފަ، އެތަނުން ފިލާފައެވެ. އެ ހާދިސާ ހިނގާފައިވަނީ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:13 ހާއިރު ލ. ފޮނަދޫގައެވެ.

މާރާމާރީ ހިންގި މައްސަލައިގައި އެރޭ ދަންވަރު 02:18 ހާއިރު, ހައްޔަރުކޮށްފައިވަނީ, ލ. ފޮނަދޫ, ދިލްކުސާގެ, އަހްމަދު ޝަމީމް (36) އެވެ.

ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު, ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޝަމީމް ވަނީ ދޫކޮށްލާފައެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ކުރިން ނިންމާފައި އޮތީ, ޝަމީމްގެ ބަންދާ ގުޅޭ ގޮތުން, އަލުން ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް އަމުރުކޮށްފައެވެ.

ހައި ކޯޓުގެ އަމުރަށްފަހު ވެސް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައި ވަނީ ޝަމީމް ބަންދުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދެވަނަ ފަހަރަށް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އިއްޔެ ހައި ކޯޓުން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ޝަމީމް, ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.

މީގެ ކުރިން މަސްއޫދުގެ ކާރުގައިވެސް ވަނީ ރޯކޮށްލާފައެވެ. އެކަމުގެ ތުހުމަތު ވެސް ކުރަނީ އަހްމަދު ޝަމީމުއަށެވެ.

comment ކޮމެންޓް