ދަރިފުޅު ހުކުރަށް ގެންދިއުމުގެ ހުއްދަ ބައްޕައަށް ދިނުމަށް ހުކުމެއްގައި ހިމެނި ގޮތް ގޯސުވުމުން ބާތިލްކޮށްފި

ނަމާދެއްގެ ތެރެއިން: ފިރިހެން ދަރިފުޅު ހުކުރަށް ގެންދިއުމުގެ އަމުރެއް ނެރުނު ގޮތް ގޯސްވުމުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަރިވެފައިވާ ދެ މީހެއްގެ ދަރިންނާ ބައްދަލު ކުރުމަށް ހުރަސްތަކެއް ހުރުމުން, ބައްޕަގެ ފަރާތުން ފެމެލީ ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުމަށްފަހު, ފިރިހެން ދަރި ހުކުރަށް ގެންގޮސް ގެނެސް ހެދުމުގެ ފުރުސަތު ދިނުމަށް ހުކުމުގައި ހިމެނި ގޮތް ގޯސްވުމުން، އެބައި ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ދެމަފިރިން ވަރިވުމަށްފަހު, ދެ ކުދިން ބެލުމުގެ ހުރިހާ ކަމެއް މަންމައަށް މަތިކޮށް ކުދިންނަށް ހަރަދު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ބައްޕައަށެވެ. އަދި ބައްޕަ ބޭނުންވެއްޖެ ހިނދެއްގައި ކުދިންނާ ބައްދަލު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް, ކުދިންގެ މަންމައަށް މީގެ ކުރިން އޮތީ ފެމެލީ ކޯޓުން އަންގައި ހުކުމްކޮށްފައެވެ.

ނަމަވެސް އެ ހުކުމާ އެއްގޮތަށް ކުދިންގެ މަންމަ އަމަލު ނުކުރާތީ, ކުދިންނާ ބައްދަލުކުރެވޭނެ ފަހި ގޮތްތަކެއް ހަމަޖެއްސުމަށް އެދި ކުދިންގެ ބައްޕަ ފެމެލީ ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

ކުދިންނާ ބައްދަލު ކުރެވޭނެ ގޮތްތަކަކާއި ކަންތައްތަކެއް މަނާކުރުމަށް އެދި ހުށަހެޅި އެ މައްސަލައަށް ކޯޓުން ހައްލެއް ގެނައީ ދެ މީހުން ހާޒިރުކޮށް ވާހަކަ ދައްކައިގެންނެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުގެ ތިނަކުން އިރުއޮއްސި 6:30 އަށް ދެކުދިން ބައްޕައާ ހަވާލު ކުރުމަށް އެއްބަސްވިއެވެ. ކޮންމެ ހޯމަ, އަންގާރަ އަދި ބުރާސްފަތި ދުވަހު ހަގު ދަރިފުޅު ސުކޫލަށް ގެންދިއުން ވެސް ބައްޕައާ ހަވާލުކުރުމަށް އެއްބަސްވިއެވެ.

އެކަންތައްތަކަށް އެއްބަސްވެ ހުކުމްކޮށް ނިމުނު ފަހުން ބައްޕަގެ ފަރާތުން އެދުނީ, ފިރިހެން ދަރިފުޅު ކޮންމެ ހުކުރު ދުވަހަކު ހުކުރަށް ގެންގޮސް ގެނައުމަށް ހުއްދަ ދިނުމަށެވެ. އަދި ފެމެލީ ކޯޓުން ވަނީ އެކަންތައް ވެސް ހުކުމުގައި ފަހުން ހިމަނާފައެވެ.

ފެމެލީ ކޯޓުން ހުކުމް ކުރުމަށްފަހު, ދަރިފުޅު ހުކުރަށް ގެންދިއުމުގެ ބައި ހިމެނުމުން, މަންމަގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އަދި މަންމަ އެދުނު ގޮތަށް ހައި ކޯޓުން ވަނީ, ފެމެލީ ކޯޓުން ފަހުން ހުކުމުގައި ހިމެނި ހުކުރަށް ގެންދިއުމުގެ ބައި އުނިކުރުމަށް ނިންމާފައެވެ.

ސަބަބެއް ކަމަށް ހައި ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ, ޝަރީއަތުން ބަލަމުންދާ މައްސަލައެއްގައި ހުކުމް އިއްވައި ނިމުމަށްފަހު އެ ހުކުމަށް އަލުން ބައެއް އުނިކޮށް އިތުރު ނުކުރެވޭނެ ކަމަށެވެ. އެކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ވަނީ އިއްތިފާގުވެފައެވެ.

comment ކޮމެންޓް