ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކުރަން އެމްއޯޔޫއެއްގައި ސޮއިކުރުުމުގެ ތެރެއިން - ފޮޓޯ/ ރައީސް އޮފީހުގެ ތަރުޖަމާނު

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކުރަން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫއެއް)ގައި ސޮއިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއީ ވިޒިޓް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އެމަރޭޓްސް އެއާލައިނާއެކު ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ.

ރައީސް ސޯލިހު މިވަގުތު ހުންނެވީ ވޯލްޑް އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީގައެވެ.

ވޯލްޑް އެކްސްޕޯއަކީ ގައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އާންމުން ގުޅުވައިލައި، ދިރާސަތަކާއި އިނޮވޭޝަން މެދުވެރިކޮށް ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯއެވެ.

ދުބާއީ އެކްސްޕޯއަކީ ރާއްޖެއާއި ދުބާއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އެ އެކްސްޕޯގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި އެކްސްޕޯއިން ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގައި ހުރިހާ ގައުމުތަކެއްގެ ވެސް ބައިވެރިވުން އޮވެގެން ކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް