އޮލިމްޕަސް މަރާމާތުކޮށް ނިމުމުން ފަންނުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ: ހެރިޓޭޖް މިނިސްޓްރީ

2 މާރްޗް 2017: އޮލިމްޕަސް ތެރޭ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮލިމްޕަސް މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށާ ހިސާބުން އެތަނުން ފަންނުވެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ އެ ތަނުން ފަންނުވެރިންނަށް ފައިސާ ހޯދުމަށް ފަހި ފުރުސަތުތަކެއް ލިބޭނެކަމަށެވެ.

"އަޅުގަނޑުމެން ފަންނާނުންނަށް ވެސް ފުރުސަތު ހުޅުވާލާނަން. ފަންނުވެރިންނަށް ފައިސާ ހޯދަން މަގުތަކެއް ކޮށައިދިނުމަކީ އަޅުގަނޑުމެންގެ ބޭނުން. އާޓިސްޓުންނަށް އެފޯޑަބަލް ވަރަކަށް އަގުތައް ކަނޑައަޅާނީ،" އިކްރާމް ވިދާޅުވިއެވެ.

އޮލިމްޕަސް މަރާމާތުކޮށް އަލުން ހުޅުވާއިރު އެ ތަނުގައި ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

"ޓެކްނިކަލީ އެ ތަނުގައި ހުރި ފެސިލިޓީތައް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރެވިގެންދާނެ. ދެން އޭގެ ތެރޭގައި ޑިޖިޓަލް ސިނެމާ ޕްރޮޖެކްޝަން ލުމާއި ސިލްވާ ސްކްރީން ލުމާއި، ސަރައުންޑް ސައުންޑް އިންސްޓޯލްކޮށް ސްޓޭޖް ލައިޓް ވެސް ކުރިއަށް ދާނެ،" އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ އެ ތަނުގެ ސްޓްރަކްޗާއަށް މާ ބޮޑެތި ބަދަލުތަކެއް ނުގެންނާނެކަމަށެވެ. އަދި އެ ތަން ތައްޔާރުކޮށްފައިވަނީ ހުރިހާ ބޭނުންތަކަކަށް ވެސް ބޭނުން ހިފޭ ގޮތަށްކަމަށް ވިދާޅުވިއެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އޮލިމްޕަހުގެ ހޯލަކީ ތަރިކައެއްގެ ގޮތުގައި ހިމާޔަތްކުރެވިފައިވާ ތަނެކެވެ. އެއާއެކު އެ ތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު އޮލިމްޕަހަށް ގެންނަންޖެހޭ ބަދަލުތައް އެންމެ އެކަށީގެންވާ ގޮތަކަށް ކުރިއަށްގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި އޮލިމްޕަހުގެ ހޯލަށް މާ ބޮޑު ބަދަލުތަކެއް ނުގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް