އުތުރު ތިލަފަޅުގެ އަސްލު އެއްބަސްވުން 241 ކޮމިޓީއާ ހިއްސާކޮށްފި

ޖުލައި 7، 2021: 241 ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރުންނަށް އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަސްލު ހާމަކޮށްފިިއެވެ.

އެ އެއްބަސްވުން މެމްބަރުންނަށް ހާމަކޮށްފައިވަނީ މިއަދު މަޖިލީހުގެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައެވެ. ކޮމިޓީގައި ހިމެނޭ މެމްބަރެއް "ސަން"އަށް ވަނީ އެ ކަން ޔަގީންކޮށްދެއްވައިފައެވެ.

މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން "ސަންއަށް ވިދާޅިުވީ އެ އެއްްބަސްވުން ހުރިހާ މެމްބަރުންނަށް ވެސް ދެއްކިކަމަަށެވެ.

އަދި ކޮންމެ މެމްބަރަކަށް ވެސް އެއްބަސްވުން ކިޔަން ފުރުސަތު ލިބުނުކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ކަންބޮޑުވުމެއް ވާނަމަ އެ ކަންބޮޑުވުން ހިއްސާކުރުމަށް ވެސް ފުރުސަތު ދިންކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއެކު ހަދާފައިވާ އުތުރު ތިލަފަޅު އެއްވަސްވުމުގެ މައްސަލައިގައި މަޖިލީހުގައި ތިބޭ އިދިކޮޅު މެމްބަރުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. އަދި މެމްބަރުންނަށް އެ އެއްބަސްވުން ސިއްރުކުރުމުން އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

"އަޅުގަނޑު ވެސް ވަރަށް ކަންބޮޑުވި ކަމެއް އެއީ މެމްބަރުންނަށް މި އެއްބަސްވުން ސިއްރުކޮށްފައި އޮތުމަކީ. އެކަމަކު މި ކިޔާލީމާ އެނގޭ އެބަ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތްކަން،" ސައުދު ވިދާޅުވިއެވެ.

މިއަދު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެއާއެކު އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން މެމްބަރުންނަށް ހާއްސަ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅައިފައެެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ މައްސަލައިގައި އިދިކޮޅު ކޯލިޝަނުންވަނީ މާޗު މަހުގެ ތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެއްބަސްވުން ހާމަކޮށްދެއްވުމަށް އެދި ސިޓީ ފޮނުވާފައެވެެ.

އަދި އެ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެތައް ކަމެއް ހުރިކަމުގެ ތުހުމަތުކޮށް ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

މާޗު މަހުގެ ތެރޭ އެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބެލެވޭ އެއްބަސްވުމެއް ވެސް ވަނީ ލީކުކޮށްލައިފައެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިޔެކިޔުންތަކެއް ދައުރުވަމުން ދިޔައިރު، އޭގައި ބުނެފައި ވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ ފަރާތްތައް ހަތިޔާރާ އެކު ތިބެވޭނެ ކަމަށެވެ. އަދި އެ ފަރަތްތަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭން ޖެހޭއިރު އެ ފެސިލިޓި އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުން ބޭނުންކުރަން ދޭ ނަމަވެސް އިންޑިއާއާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

އެއާއެކު ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވި ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.

އަދި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް