ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެލްކޭޖީ އަދި ޔޫކޭޖީ އަށް ކިޔަވައިދޭ ޕްރީސްކޫލެއް، މުހައްމަދު ގާސިމް ޕްރީސްކޫލްގެ ނަމުގައި މިއަދު ހުޅުވައިފިއެވެ.
ގާސިމް ޕްރީސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އަދި އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައިވެރިވަޑައިގެންނެވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުހައްމަދު ގާސިމް ޕްރީސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް، ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެއް ކަމަށެވެ. އަދި އެ ސްކޫލް ވެގެންދާނީ މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ އެންމެ ފުރަތަމަ ޕްރީސްކޫލަށްކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.
އެ ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިން ރޫމް، އޮފީސް، މިއުޒިކް ރޫމް، ކޮމްޕިއުޓާ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.
އެ ސްކޫލް ހުޅުވާފައިވަނީ 22 ދަރިވަރުންނާއި ހަ މުދައްރިސުންނާއި ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި ހަތަރު ސަޕޯޓް ސްޓާފުންނާ އެކުގައެވެ. ނަމަވެސް އެ ސްކޫލަކީ 750 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގާސިމް ޕްރީސްކޫލަށް ކުދިން ވެއްދުމަށް https://myoffice.moe.gov.mv/forms/id/2 މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދިފައެވެ. އަދި އެ ސްކޫލަށް ވަންނަ ދަރިވަރުންނަށް، އެ ދަރިވަރަކު މިހާތަނަށް ކިޔަވަމުންއައި ސްކޫލެއްގެ ޔުނިފޯމު ބޭނުން ކުރެވޭނެ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.
އެ ސްކޫލުން ޖާގަ ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ މިމަހު 11 ގައިއެވެ.
ގާސިމް ޕްރީސްކޫލަކީ ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަނާ އިންވެގެން ހުންނަ އިމާރާތުގައި ހިންގާ ސްކޫލެކެވެ.