ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ ކަރަން ސިންހު ގްރޯވާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ބިޕާޝާ ރާއްޖެ އައިސް، ކަޑިންމަ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރާ މަންޒަރު ފެންނަ ފޮޓޯތައް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ބެލެވޭގޮތުގައި އެދެމަފިރިން ރާއްޖެ އައީ މިދިޔަ ހޯމަ ދުވަހުގައެވެ.
ކަރަންގެ އިތުރުން ބިޕާޝާގެ މަންމަ އާއި ބައްޕަ ވެސް މިދަތުރުގައި ބައިވެރިވެއެވެ.
ބިޕާޝާ ބާސޫ އަކީ އަބަދުވެސް ގޮނޑުދޮށްތަކާއި މޫދުގެ ރީތިކަމަށް ލޯބިކުރަަމުން އަންނަ ބޮލީވުޑްގެ ތަރިއެކެވެ. އެގޮތުން ރާއްޖެ އަކީ މިފަދަ ކަންކަމަށް ލޯބިކުރާ މީހުންނަށް އެންމެ އެކަށީގެންވާ މަންޒަރު ދައްކުވައިދޭ މާހައުލަކަށް ވުމާއެކު ބިޕާޝާ އެތައް ފަހަރަކު ރާއްޖެ އައިސްފައިވެއެވެ.
ބިޕާޝާ އަންނަނީ ކޮންމެ ދުވަހަކުވެސް އެރިސޯޓުގެ އެކި ސަރަހައްދުތަކުގައި މޮޑެލްކޮށް، އިންސްޓަގްރާމަށް ފޮޓޯ ޕޯސްޓް ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ ނޫ ކުލައިގެ ހެދުމަކާއެކު ނޫ ކަނޑާއި އުޑުމަތީގެ ރީތި މަންޒަރާއެކު ނަގާފައިވާ ފޮޓޯ އެއް ހިއްސާ ކޮށްފައެވެ. އެ ޕޯސްޓްގެ ކެޕްޝަންގައި ޖަހާފައިވަނީ "ދަ ހެޕީ ބްލޫސް" މިހެންނެވެ. އެ ޕޯސްޓަށްވަނީ 100000 އަށް ވުރެ ގިނަ މީހުން ލައިކް ކޮށްފައެވެ.
ހަމައެހެންމެ ބިޕާޝާ ވަނީ ކަޑިންމާ މޯލްޑިވްސްގައި ނަގާފައިވާ އޭނާގެ ވީޑިއޯ ތަކެއް ވެސް ޕޯސްޓްކޮށްފައެވެ. އިއްޔެ އޭނާ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވަނީ އެރިސޯޓުގައި އޭނާ ބައިސްކަލު ދުއްވާ މަންޒަރުގެ ވީޑިއޯ އެކެވެ. އަދި "ސަންސެޓް ކުރޫޒިންގް" ކެޕްޝަންގައި ޖެހުމަށްފަހު، އިރު އޮއްސުނު ގަޑީގައި ނަގާފައިވާ ވަރަށް ރީތި ފޮޓޯ އެއްވެސް ބިޕާޝާ އިންސްޓަގްރާމަށް ޕޯސްޓްކޮށްފައިވެއެވެ.
ބިޕާޝާ އޭނާގެ އިންސްޓަގްރާމްގައި ރާއްޖެ ސިފަކޮށްފައިވަނީ ސުވަރުގެއެެއްގެ ގޮތުގައެވެ.
ބިޕާޝާއާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރުއެވެ. އެ ދެތަރިން ހަނީމޫން ހޭދަކުރީވެސް ރާއްޖޭގައެވެ.
ރާޒް އާއި ދޫމް 2 ފަދަ ފިލްމުތަކަކީ ބިޕާޝާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކެވެ. އަދި މިއީ ބޮލީވުޑް ދާއިރާއަށް އިންގިލާބެއް ގެނެސްދިން ފިލްމުތަކެކެވެ.
މީގެ އިތުރުން އެލޯން އާއި ހޭޓް ސްޓޯރީ 3 ފަދަ ފިލްމުތައް ކުޅެފައިވާ ކަރަން ވެސް ދަނީ އޭނާގެ އިންސްޓަގްރާމްގައި ކަނޑިންމަ ރިސޯޓްގެ މަންޒަރުތައް ހިއްސާކުރަމުންނެވެ.
ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ.