ހިޔާ މަޝްރޫއު ހިންގާފައި އޮތީ އިސްރާފު ބޮޑުކޮށް ކަމަށާއި މައްސަލަ ދިރާސާ ކުރުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން އިއްޔެ ވަނީ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓަކަށް ޖެހޭ ޖުމުލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ހިސާބުކޮށް، ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓެއް ނެރެފައެވެ.
އެ ރިޕޯޓާ ގުޅޭގޮތުން މިއަދު މަބްރޫކު "ސަން"އަށް ވިދާޅުވީ، ހިޔާ މަޝްރޫއުގެ އިސްރާފު ބޮޑުކަން އެ ރިޕޯޓުން ވެސް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"މިއޮށް ހުރިހާ ދުވަހު ވެސް ސަރުކާރުން ބުނަމުން މި ދިޔައީ ހިޔާ މަޝްރޫއަކީ އިސްރާފު ބޮޑުކޮށް ހިންގާފައި އޮތް މަޝްރޫއެކޭ. އޮޑިޓް ރިޕޯޓުން ވެސް އެކަން އިތުރަށް ހާމަވެގެން މި ދިޔައީ." މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮޑިޓް އޮފީހުން ނެރުނު ރިޕޯޓު ދިރާސާ ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނާ ގޮތުން އެޗްޑީސީއިން ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކަށް ޖެހޭ ޖުމުލަ އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކަމަށް ހުށަހެޅި އަދަދަށް ވުރެ ކުޑަ ކުރުމުން އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ.
އެ ރިޕޯޓުގައި އަންދާޒާ ކޮށްފައިވަނީ، ކުރީގެ ސަރުކާރުން ހުށަހެޅި ގޮތަށް ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓަކަށް، 6600 ރުފިޔާގެ މަހު ކުއްޔެއް ކަނޑައެޅި ނަމަ، ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ އަދި ނެޓް ކޭޝްފްލޯގެ ގޮތުގައި އެޗްޑީސީއަށް 9.2 ބިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށެވެ.
މި ސަރުކާރުން ކުލީގެ ގޮތުގައި ނަގަން ނިންމީ 8500 ރުފިޔާއެވެ. އެހެން ނަމަވެސް އެ ރޭޓުގައި ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
އެޗްޑީސީއިން ހުށަހެޅީ ހައުސިން ޔުނިޓަކުން މަހު ކުލީގެ ގޮތުގައި 11،000 ރުފިޔާ ނެގުމަށެވެ.
އެޗްޑީސީއިން އެ އަދަދު ހިސާބު ކުރީ މިފަދަ ހައުސިން މަޝްރޫއުތަކުގެ ޔުނިތުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ ގޮތް ކަމަށްވާ، އީކުއޭޓަޑް މަންތުލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑު ބޭނުންކޮށްގެން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.