ކުޑަގިރި ޕިކްނިކް އައިލެނޑަށް 2 އަހަރު ފުރުން ފާހަގަކޮށްފި

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން މިއަދު ފާހަގަކޮށްފި -- ފޮޓޯ އެޗްޑީސީ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ.

ކުޑަގިރިއަށް ދެއަހަރު ފުރުމާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި، ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެ ރަށުގެ އިންތިޒާމުތައް ބައްވަލާލައްވާފައެވެ.

އަދި ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން މިއަދު ފާހަގަކޮށްފި -- ފޮޓޯ އެޗްޑީސީ

އެޗްޑީސީއިން ބުނީ ކޯޕަރޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ކުޑަގިރިއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެ ރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70އިން މަތީގައި ކަމަށް އެޗްޑީސީއިން ބުނެއެވެ.

ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރު ވެސް އެބަ ހުއްޓެވެ. ނަމަވެސް ދެ އަހަރު ފުރުނުއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެ ތަނުގެ ވަސީލަތްތައް ބުކްކުރުން ފަސޭހަ ކުރުމަށް މިއަދު ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައެވެ.

އެ ކައުންޓަރު މެދުވެރިކޮށް ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން މިއަދު ފާހަގަކޮށްފި -- ފޮޓޯ އެޗްޑީސީ

ހަމަ އެއާއެކު އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ޚި ދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ވެސް އެޗްޑީސީއިން ވަނީ ނިންމާފައެވެ. އެއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސާ އިންތިޒާމެއް ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ ކުޑަގިރީގައި ޚާއްސަ ޑައިވް ސައިޓެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. އެއީ އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް