އިންޑިއާގެ ހިލޭ އެހީއާއެކު އަށް މަޝްރޫއެއް ހިންގަނީ

ހައި އިމްޕެކްޓް ކޮމިއުނިޓީ މަޝްރޫއު ހިންގުމަށް އެމްއޯޔޫގައި ސޮއިކުރުން -- ސަން ފޮޓޯ

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އަށް މަޝްރޫއެއް ހިންގުމަށް ދެ ގައުމުގެ މެދުގައި މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ހަފްލާ އޮތީ މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައެވެ. މިއީ އިންޑިއާ ސަރުކާރުން ޖުލައި މަހު ދިން 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓްތަކެކެވެ.

ޖުމްލަ އަށް މަޝްރޫއު ހިންގުމަަށް އެމްއޯޔޫގައި ސޮއިކޮށްފައިވާއިރު މި މަޝްރޫތަކަކީ ހަތް އަތޮޅެއްގެ ތެރެއިން ރަށްތަކެއްގައި ހިންގާ މަޝްރޫތަކެކެވެ.

މި އަށް މަޝްރޫއަކީ 70 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން 36 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫތަކެކެވެ.

އެގޮތުން މި މަޝްރޫގެ ދަށުން އެމްއެންޑީއެފަށް ސީއެމްބިއުލޭންސް ހޯދައިދިނުމާއި، މާލޭގައި ހުންނަ އޮލިމްޕަސް ތަރައްގީކުރުމުގެ އިތުރުން ނ. މިލަދޫ ކައުންސިލް އިމާރާތުގެ މަސައްކަތް ހިމެނެއެވެ.

އަދ ތ. ތިމަރަފުށްޓާއި އެ އަތޮޅު ވޭމަންޑޫ ގެ މަގުތަކުގައި ބޮކި ހަރުކުރުމާއި ލ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ އިތުރުން އދ. ދަނގެތިގައި ކަލްޗަރަލް ސެންޓަރެއް އެޅުން ވެސް ހިމެނެއެވެ.

ހަމައެއާއެކު ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުން ހިމެނެއެވެ.

ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރާނީ ސަރުކާރުން ހޮވާ މަޝްރޫތަކެކެވެ. މިއީ ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.

comment ކޮމެންޓް