ހުޅުމާލޭގައި ގާއިމްކުރަން ހަމަޖެހިފައިވާ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓު އެޅުމަށް ޓެންޑާ ފަރުމާކޮށްފައިވަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަކަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމްއެވެ.
މަޖިލީހުގެ ރައީސަށް ހައިތަމް ފޮނުވި ސިޓީގައި ވަނީ، އެ ޕްރޮޖެކްޓުގެ ޓެންޑާ ފަރުމާކޮށްފައިވަނީ އިގްތިސޯދީ އަދި ތިމާވެށީގެ ގޮތުން ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ތަޖުރިބާކާރުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ޕްލާންޓު އަޅަން ނިންމައިފައިވަނީ ޓްރީޓް ނުކުރާ ނަޖިސް ކަނޑަށް ދޫކޮށްލެވޭ ފަދަ ގޮތަކަށް ކަމަށާއި ޓްރީޓްކުރެވިފައިވާ ފެން، ފެން ފަށަލައިގެ ތެރެއަށް ދޫކޮށްލެވޭ ފަދަ ގޮތަކަށް ކަމަށް އެ ސިޓީގައިވެއެވެ.
"ސުވޭޖަކީ އެކި ޒާތުގެ ވިހަ މާއްދާއާއި ފާމަސޫޓިކަލް ރެޒިޑިއު އަދި މައިކްރޯޕްލާސްޓިކް ހިމެނޭ އެއްޗެއް ކަމުގައި ވާ އިރު، ޓްރީޓް ނުކުރާ ފެން ދޫކުރުމަކީ ކަނޑު ތަޣައްޔަރުވެ ގުދުރަތީ ވެއްޓަށާއި ކަނޑުގެ ދިރުންތަކާއި އިންސާނުންނަށް ވެސް ނޭދެވޭ އަސަރު ކުރުވާ ކަމެއް،" މައްސަލައިގައި ބުނެފައިވެއެވެ.
ހަމައެހެންމެ މި މަސައްކަތުގެ ޓެންޑާ ފަރުމާ ކޮށްފައިވަނީ ރާއްޖޭގައި އަމަލުކުރާ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަނާ ހިލާފަށް ކަން ވެސް ހައިތަމް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ނަޖިސް ޓްރީޓްކުރެވިފައި ހުންނަން ޖެހޭނީ ފަސް މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑު ކޮންސެންޓްރޭޝަންގައި ކަން ފާހަގަކޮށް، މި ފެންވަރަށް ނަޖިސް ޓްރީޓްކުރެވޭ ގާބިލިއްޔަތުގެ ކުންފުނިތައް ދުނިޔޭގައި މަދު ކަމަށް ސިޓީގައިވެއެވެ.
ހައިތަމް ހުށަހެޅުއްވި މައްސަލައިގައި ބުނީ މިއީ އިގްތިސޯދީ ގޮތުން ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
"ޓެންޑާގައި ބުނެފައިވާ ފެންވަރުގެ ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކޮށް ހިންގުމަށްޓަކައި ދުވާލަކު 15 މެގަވޮޓުގެ ކަރަންޓު ބޭނުންވާނެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީއަށް ދުވާލަކު ބޭނުންވާ ކަރަންޓުގެ މިންވަރުގެ ތިންބައި ކުޅަ އެއްބައި މިންވަރު ކަމުގައި ވާ ހިނދު، މިއީ ކަރަންޓު އުފެއްދުމަށް ޓަކައި ގަންނަންޖެހޭ ތެލާއި، ޕްލާންޓު ހިންގުމަށާއި މެއިންޓެނަންސް ފަދަ ކަންކަމަށް ބަލާއިރު ވެސް ބޮޑު ޚަރަދެއް ދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ހައިތަމްގެ މައްސަލައިގައި ބުނެފައިވެއެވެ.
މިކަންކަމުގައި ޒިންމާވާ ފަރާތްތައް މަޖިލީހަށް ހާޒިރުރުކޮށް، މިމައްސަލަ ވީހާވެސް އަވަސް ފުރުސަތެއްގައި ބަލައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.