އިޒްރޭލުގެ ޔަހޫދީންނަށް ރާއްޖެ ނާދެވޭ ގޮތް ހަދަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އެ ތަނުގެ ވަޒަންވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މިއަދު ގޮވާލައްވައިފިއެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފައެވެ. އިޒްރޭލުން ރައްދުގައި ދެމުންދާ ހަމަލާތަކުގައި ކޮންމެ ފަސް މިނެޓަކު ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ހައިތަމް ވިދާޅުވީ، ދިވެހީން އިޒްރޭލުގެ ލާއިންސާނީ އަނިޔާތައް ކުށްވެރިކުރާއިރު، އެ ފަދަ ގައުމެއްގެ ޕާސްޕޯޓު ބޭނުން ކޮށްގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޔަހޫދީން އަންނަ އައުމަކީ އިންތިހާއަށް ކަންބޮޑުވެ، ބިރުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި، އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ މެދު ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް އޭނާ ވަނީ ކުށްވެރިކޮށްފައެވެ.

އެހެންވެ، އިޒްރޭލުގެ ޔަހޫދީ ފަތުރުވެރިންނާއި އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއައުން މިހާރުން މިހާރަށް ހުއްޓުވައިދޭން ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.

"އެފަދަ ގައުމެއްގެ ޕާސްޕޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ނަމުގައި މި ސައްތައިން ސައްތަ މުސްލިމް ގައުމަށް އައުމަކީ އިންތިހާއަށް ކަންބޮޑުވެ، ބިރުގަންނަން ޖެހޭ ކަމެކެވެ،" އެ ސިޓީގައި ވެއެވެ.

އިޒްރޭލުން އަންނަނީ ޣައްޒާއިން ފެނާއި ކަރަންޓު ފަދަ ޒަރޫރީ ޚިދުމަތްތައް ކަނޑާލައި ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ނައްތައިލުމަށް ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި 2،800 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 10،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިއެކި އަނިޔާތައް ވެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އިއްޔެ ވަނީ ގޮވާލައްވައިފައެވެ.

comment ކޮމެންޓް