ފްލެމިންގޯ ހިފި މީހަކު ހޯދައިފި، މައްސަލަ ތަހުގީގު ކުރަނީ

ކުޅުދުއްފުށީ ކުޅީގައި ފްލެމިންގޯއެއް -- ފޮޓޯ/ އަހުމަދު އަބްދުލް ރަހްމާން

މިދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން ފްލެމިންގޯ ހިފި މީހަކު ހޯދިއްޖެ ކަމަށާއި، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ ފްލެމިންގޯ ހިފައި، ވިއްކަން މަސައްކަތް ކުރި މީހަކާއި އޭނާ ހިފި ދޫނިވެސް މިހާރު ހޯދިފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެ މީހާއަށް ފިޔަވަޅު އަޅާނީ ތަހުގީގަށް ފަހު ކަމަށެވެ. އަދި އެ މީހާއަށް އަޅާނެ ފިޔަވަޅަކީ ޖޫރިމަނާ ކުރުން ކަމަށް ނައީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނައީމް ވަނީ އެ މީހާ ހިފި ފްލެމިންގޯގެ ފިޔަތައް ކޮށާލާފައިވާ ކަމަށާއި އެ ދޫންޏަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ނައީމް ވިދާޅުވީ އަނިޔާވެފައިވާ ދޫނި ސަރުކާރުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން، ދޫންޏަށް ފަރުވާ ދޭނެ ކަމަށެވެ.

"ސަރުކާރުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފްލެމިންގޯ ރިހެބިލިޓޭޓް ކުރާނީ. އޭގެ ފިޔަ ދިގުވެ އަމިއްލައަށް އުދުހެވޭ ވަރު ވަންދެން ދޫނީ ބަލަހައްޓަން ވަނީ ނިންމާފަ،" ނައީމް ވިދާޅުވިއެވެ.

އެ މައްސަލައާ ބެހޭ ގޮތުން އީޕީއޭއިން ކުރި ޓުވީޓެއްގައިވާ ގޮތުން، އެ ފްލެމިންގޯ ހޯދާފައި ވަނީ ހއ. ބާރަށުންނެވެ. އަދި އެ ދޫނި ބަލަހައްޓާނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށެއް ކަމަށްވާ ޅ. މާކޯގައެވެ. އެ ރަށަކީ ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެކެވެ.

ހަމައެއާއެކު އީޕީއޭއިން ވަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޓޯލްވޮލުންޓިއާސްގެ ވެޓެރިނަރީ ޑޮކްޓަރަކު އެ ދޫނީގެ ހާލު ބަަލަމުންދާނެ ކަމަށް ބުނެފައެވެ.

ރާއްޖެއަށް ހިޖުރަ ކުރާ ދޫނި ސޫފާސޫތްޕަށް ގޯނާކުރާކަމުގެ އެކި މައްސަލަތައް މިދުވަސްވަރު އީޕީއޭއަށް ހުށަހަޅަމުންދާ ކަމަށް ނައީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ޓަކައި އެ ރަށެއްގައި ހުންނަ ކައުންސިލަށް އަންގަމުން އަންނަކަމަށާއި ފުލުހުންނާ ގުޅިގެންވެސް މައްސަލަ ބަލާ ކަމަށް ނައީމް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް