އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކޮށް އަންމަޓީ ދޫކޮށްލައިފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ -- ފޮޓޯ/ އިންޓަޕޯލް

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނު ކުރުމަށްފަހު, ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި, އައްމަޓީގެ ފަރާތުން ޖާމިނުވުމަށް ހުށަހަޅާފައިވާ ދެ މީހުން ވަނީ ހާޒިރުކޮށްފައެވެ. އެއީ އައްމަޓީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަފީފާ މޫސާ އާއި ދައްތަ މަރިޔަމް ނައީމާ އެވެ.

އެ ދެ މީހުން ވަނީ އައްމަޓީއަށް ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމާއި އައްމަޓީ ހިލާފްވެއްޖެ ނަމަ އެ އެއްބަސްވުމުގައި ސޮއި ކުރި ދެ މީހުން ޒިންމާ ނަގަން ޖެހޭނެ ކަން ވަނީ ހަނދާން ކޮށްދީފައެވެ. އެކަމަށް ދެ މީހުން ވެސް ވަނީ ކޯޓުގައި އެއްބަސްވެފައެވެ.

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލި ނަމަވެސް އޭނާ މާލެ އިން ބޭރަށް ފުރާނަމަ ކޯޓުން ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި ޝަރީއަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާން ވެސް ޖެހޭނެއެވެ.

ދެ މީހުން ޖާމިނުކޮށް ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާއިރު, އެ ނިންމުމާ މެދު ހިތް ހަމަ ނުޖެހޭނަމަ އިސްތިއުނާފް ކުރުމުގެ ހައްގު ދައުލަތަށް އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އައްމަޓީ ބަންދުން ދޫކޮށްލުމަށް މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ނިންމިއެވެ. ނަމަވެސް އެ ނިންމުން ހައި ކޯޓުން ބާތިލް ކުރުމާއި އެކު އަނެއްކާ ވެސް އައްމަޓީ ހައްޔަރުކުރިއެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ. ލަންކާ އިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ.

ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ.

އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ހިޔާނާތްތެރިވީ މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް