ސީލައިފަށް ފައިސާ ދެއްކި މީހުންނަށް، "ވިނަރެސް" އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފި

ވިނަރެސް މަޝްރޫއުގެ ކޮންސެޕްޓް. -- ފޮޓޯ/އެޗްޑީސީ

ސީލައިފް ގްލޯބަލް އިންކުން ފްލެޓު ގަތް މީހުންނަށް "ވިނަރެސް" އިން އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޮޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ވިނަރެސް އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ދީފައި ވަނީ ފްލެޓު ގަތުމަށް ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ، އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް ކަމަށެވެ.

އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ވިނަރެސް އިން އެޕާޓްމެންޓު ގަތުމަށް ޝައުގުވެރިވާ މީހުން، އެޗްޑީސީން ފޯރުކޮށްދީފައިވާ ލިންކް އިން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ވުމަށް އެދިފައެވެ.

އެ ލިންކް މެދުވެރިކޮށް ރެޖިސްޓެރީވާ މީހުންނަށް ވިނަރެސްގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ސީލައިފް ގްލޯބަލްއަށް އެޕާޓްމެންޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފައިސާ އަނބުރާ ލިބިފައި ނުވާ މީހުން، ފައިސާދެއްކިކަން އަންގާ ލިޔުން އެޗްޑީސީގެ މެއިލް [email protected] އަށް މެއިލް ކުރުމަށް ފަހު ރެޖިސްޓެރީވުމަށް އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީން ސީ-ލައިފް ގްލޯބަލްއާ ހަވާލުކުުރީ 2014 ވަނަ އަހަރެވެ.

ނަމަވެސް އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެ މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް މިހާރު އުފުލާފައެވެ.

އެޗްޑީސީން ލަފާ ކުރާ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިމޭނީ 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައިއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

comment ކޮމެންޓް