މިހާލަތަކީ އިންފުލުއެންޒާގެ އައުޓްބްރޭކަކަށް ގޮސްދާނެ ހާލަތެއް: އެޗްޕީއޭ

ހެލްތު މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އައިމަން އަލީ

މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންފުލުއެންޒާގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާތީ މިހާލަތަކީ ކޭސްތައް އިތުރުވެ، އިންފުލުއެންޒާގެ އައުޓްބްރޭކަކަށް ގޮސްދާނެ ހާލަތެއް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ކޮވިޑް-19 އާއި އިންފުލުއެންޒާގެ މައުލޫމާތު ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ މަހުން ފެށިގެން އިންފުލުއެންޒާގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި މި މަހު ވެސް ނިސްބަތުން ޕޮޒިޓިވް ކޭސްތައް އިތުރު ވަމުންދާކަމަށެވެ.

"މިހާލަތަކީ އިންފުލުއެންޒާގެ އައުޓްބްރޭކަކަށް ގޮސްދާނެ ހާލަތެއް. އެހެންކަމުން މިހާލަތަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ،" އަފްޒަލް ވިދާޅުވިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިންފުލުއެންޒާގެ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންގެ ފަރާތުން ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި ދެވަނައަށް އެންމެ ގިނައިން އިންފުލުއެންޒާ ކޭސް ފެނިފައިވަނީ އުމުރުން ހަ އަހަރާއި ބާރަ އަހަރާ ދެމެދުގެ އުމުރުފުރާ އިން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އުމުރުން 18 އަހަރާއި 45 އަހަރުގެ މީހުންނަކީ ގިނަ ވަގުތު ބޭރު ތެރޭގައި އުޅޭ ބަޔަކަށް ވުމުން އެމީހުންގެ ކިބައިން ދެން ތިބި މީހުނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވާނެތީ، ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށާއި ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިޔުމަށް އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

ޑރ.އަފްޒަލް އިތުރަށް ވިދާޅުވީ ރާއްޖެއިން އެންމެ ގިނައިން ފެންނަ އިންފުލުއެންޒާގެ ވައްތަރަކީ "އިންފުލުއެންޒާ އޭ" ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މާލެއިން މިއަހަރު ތެރޭގައި ޖުމުލަ 1،346 ޓެސްޓް ސާމްޕަލް ނަގާފައިވާ އިރު އިންފްލުއެންޒާއަށް ޕޮޒިޓިވްވީ 457 މީހުންކަމަށް އަފްޒަލް ވިދާޅުވިއެވެ. އެގޮތުން އޯގަސްޓް މަހު އެއް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މިދިޔަ މަހު ޖުމުލަ 172 މީހުން ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ. އަދި މިމަހު ވަނީ ޖުމުލަ 331 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.

އެހެންކަމުން ޓެސްޓު ކުރެވޭ އަދަދުގެ ޕޮޒިޓިވް ވެފައިވާ އިންސައްތަ 41 ޕަސެންޓަށް އަރާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ހަމައެހެންމެ އަންހެނުންނަށާއި ފިރިހެނުންނަށް މިބަލި ޖެހިފައި ވަނީ ގާތްގަނޑަކަށް އެއްވަރަށްކަމަށާއި ދެ ޖިންސުގެ މީހުނަށް ވެސް މިބަލި ޖެހުމުގެ ފުރުސަތު ހަމަހަމަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރާ ބެހޭ ގޮތުން އަފްޒަލް ވިދާޅުވީ، މި މަހު ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަރަށް މަދުވެފައިވާ ކަމަށެވެ.

"[އިންފްލުއެންޒާ އާއި ކޮވިޑް]މި ދެ ބައްޔަކީ ވެސް ފުއްޕާމޭގެ ޒަރިއްޔާ އިން ފެތުރޭ ބަލި. ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އަރިދަފުސް ރޯގާ، ހުން ނުވަތަ ކެއްސުމުގެ އަލާމާތެއް ފެނިއްޖެނަމަ އަދި ހާއްސަކޮށް އުމުުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން ދަށުގެ މީހުންނާއި އަދި ދިގު މުއްދަތަކަށް ފަރުވާދޭންޖެހޭފަދަ ބައްޔެއް ތަހައްމަލު ކުރަމުން އަންނަ މީހުންނާއި މީގެ އިތުރުން މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކުރައްވާ ސިއްހީ ފަރުވާ ހޯދުން މުހިއްމު،" އަފްޒަލް ވިދާޅުވިއެވެ.

އެހެންކަމުން މާލޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އަރިދަފުސް ރޯގާ ނުވަތަ ހުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ އައިޖީއެމްއެޗް ނުވަތަ އޭޑީކޭގެ މައި އިމާރާތަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެމީހުން ދާން އެންމެ ރަނގަޅީ ފުލޫ ކްލިނިކްތަކަށް ކަމަށާއި އޭގެ ސަބަބުން އެހެން މީހުނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މިހާރު ކޮވިޑް ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށާއި މާސްކު އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް