ރާއްޖެ "ޑްރަގް ފްރީ" ކުރަން އިންޑިއާގެ އެހީ ބޭނުންވޭ: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް -- ފޮޓޯ/ މަޖިލިސް

ރާއްޖެ މަސްތުވާތަކެތިން ސަލާމަތް ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެކަމަށްޓަކައި އިންޑިއާއާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން ޖެހޭ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވަމުން އަންނާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ދޮންބިލެތް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ސަރުކާރެއްގައި ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ހޯދަމުން ދަނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"މިއަދު އަނެއްކާ އެމްޑީޕީގެ އައުު ސަރުކާރެއް އައިސް، އަޅުގަނޑުމެން މާ ބާރު ލާފައި، އެ މަސައްކަތް ފެށީމާ މިއަދު އެ 100 ކިލޯއިން 200 ކިލޯއިން އެ ފެންނަނީ، އަޅުގަނޑުމެން އެ މަސައްކަތް ހުއްޓުވުމަށް ޓަކައި މަސައްކަތް ފެށީމާ،" ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައަކީ ބައިނަލްއަގްވާމީ ކަނޑުގައި ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ މައްސަލައެއް ކަމަށާއި އެކަން ހުއްޓުވާނެ ވަސީލަތް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެ ސަބަބަށް ޓަކައި އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އިންޑިއާ ސަރުކާރާއެކީގަ މާ ބާރުކޮށް އެގްރީމެންޓުތަކާ އެއްޗެހި ހަދައިގެން، މި ސަރަހައްދު ބަލަހައްޓަން އެބަ ޖެހޭ. މީ ޑްރަގް ފްރީ ސަރަހައްދަކަށް އެބަ ހަދަން ޖެހޭ. އޭގެ އެންމެ ބޮޑު ފައިދާ މި ވެގެން ދަނީ އިންޑިއާއަކަށް ނޫން. އަޅުގަނޑުމެންނަށް،" ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް އިތުރަށް ވިދާޅުވީ ރާއްޖޭގެ މުސްތަގްބަލު ސަލާމަތް ކުރެވެން އޮތީ މަސްތުވާތަކެތި އެތެރެ ވާ ގޮތްތައް ހުއްޓުވިގެން ކަމަށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ހިންގޭ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާގައި މިނިވަން ވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ދުނިޔޭގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އިތުރުކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާ ކަން ފާހަގަކޮށް މައްސަލައިގައި އިތުރަށް ބުނީ މަސްތުވާތަކެތި އެތެރެކުރާ ބައެއް މީހުންނާ މެދު ފިޔަވަޅު ނާޅައި، އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫ ވާ މައްސަލަ އިސްތިއުނާފު ނުކުރާ ކަމަށެވެ.

ހަމައެހެންމެ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، ހިނގާ ބިނގާވެ އުޅުމަށް ބިރުގަންނަ ވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް