މަހުމޫދުގެ މަރުގެ ތުހުމަތުކުރެވޭ ސާލިމް، އޭނާގެ ކަށުނަމާދަށް ދިޔަ!

މަހުމޫދުގެ ކަށު ނަމާދަށް މީހުން މިސްކިތުގައި ތިބިއިރު އެ މީހުންގެ ތެރޭގައި ސާލިމް --- ފޮޓޯ: ކިޔުންތެރިއެއް

އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާގައާއި ކަށު ނަމާދުގައި, އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ބައިވެރިވިކަން ހާމަވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މަހުމޫދު ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މެންދުރުފަހު 3:15 ހާއިރު ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަކަށް އެކޮޅުކޮޅުން ވައްޓާލާފައި އޮއްވައެވެ. ހަށިގަނޑު ފެނުނުއިރު އޮތީ ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.

އޭގެ ފަހުން ޖެހިގެން އައި ހުކުރު ދުވަހުގެ ހަވީރު މަހުމޫދުގެ ޖަނާޒާ ވަނީ ބާއްވާފައެވެ.

އެ ޖަނާޒާގެ ފޮޓޯތަކެއް 'ސަން' އަށް ލިބިފައިވާއިރު, ކަށު ނަމާދަށް މީހުން މިސްކިތަށް ވަދެތިބިއިރު އެ މީހުންގެ ތެރޭގައި ސާލިމް ހުންނަ ފޮޓޯތަކެއް ވެސް ވަނީ ލިބިފައެވެ.

މަހުމޫދުގެ ކަށު ނަމާދަށް މީހުން މިސްކިތުގައި ތިބިއިރު އެ މީހުންގެ ތެރޭގައި ސާލިމް --- ފޮޓޯ: ކިޔުންތެރިއެއް

ފޮޓޯއިން ފެންނަނީ ސާލިމް ކަމަށް, ދަނގެތީ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހްމަދު ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

ސާލިމަކީ ދަނގެތީގައި އުޅޭ އުމުރުން ދުވަސްވީ މީހެއްކަމަށްވާ އާދަމްބެ ބަލަހައްޓަން ހުންނަ ބިދޭސީއެކެވެ. އެ ރަށު ނެދުންގޭގައި ދިރިއުޅެނީ ސާލިމާއި އާދަންބެ އެކަންޏެވެ. އެ ގެއަކީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައި ހުންނަ ގެއެކެވެ.

މަހުމޫދުގެ ޖަނާޒާގައި ސާލިމް ބައިވެރިވެފައިވާއިރު, އޭނާއަކީ މީގެ ކުރިން ވެސް ގަވާއިދުން ނަމާދަށް ގޮސް އުޅޭ މީހެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ނެދުންގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ސާލިމް ހައްޔަރު ކުރީ ހޮނިހިރު ދުވަހުއެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

އެއާއެކު ސާލިމް ކަންތައް ކުރި ގޮތް އޭނާ ލައްވާ ފުލުހުން ވަނީ އިއްޔެ ކުޅުވައިފައެވެ.

ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ސާލިމް ގޮވައިގެން އިއްޔެ ފުލުހުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ހަަރަކާތްތެރިވި ކަމަށެވެ. އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެ އާއި މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނު ބިލެތްގެ ވެސް ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ.

މަހުމޫދުގެ މަރުގެ ތުހުމަތު, އެންމެ ފުރަތަމަ އެ ރަށު މީހުން ކޮށްފައިވަނީ ދަނގެތީގައި ދިރިއުޅޭ ތޮއްޑޫ ދެ މީހަކަށެވެ. ދަނގެތީ ރައްޔިތުން ވަނީ އެ ދެ މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެ މީހުންނަށް ވަނީ ފުލުހުންގެ ހިމާޔަތް ދީފައެވެ.

comment ކޮމެންޓް