އަންނަ އަހަރު އިނގިރޭސިވިލާތުގެ ބްރިމިންގްހަމުގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓްރީ ހުސައިން ޖަވާޒު ހަމަޖައްސަވައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަދު ބުނީ، އަންނަ އަހަރުގެ ޖުލައި މަހު ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޓީމުތައް ބެލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ، ޗެފް ޑި މިޝަނަރުގެ ރޯލު ޖަވާއަށް ހަވާލުކޮށްފައިވާ ކަމަށެވެ.
"ޖަވާއަށް ދީފައިވާ މި ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށް، ޓީމުތަކަށް ރަނގަޅު ސަޕޯޓެެއް ދޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އެމްއޯސީއިން ބުނެފައިވެއެވެ.
ޖަވާ އަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންގެ ހިންގުމުގެ އެންމެ މަތީ މަގާމުގައި ހުރި ފަރާތަށްވާ އިރު، އޭނާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތް ކުރަމުންނެވެ.
ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
އަންނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ވެގެންދާނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ކޮމަންވެލްތުގެ ކުޅިވަރު އިވެންޓެއްގައި ރާއްޖެ ބައިވެރިވާ ފުރަތަމަ ފަހަރަށެވެ. ރާއްޖެއިން 2016 ގައި ވަނީ ކޮމަންވެލްތުގެ މެންބަރުކަމުން ވަކިވެފަ އެވެ. އަލުން ކޮމަންވެލްތާ ގުޅުމުން މިދިޔަ އަހަރު ރާއްޖެ އަށް ވަނީ އެ ޖަމާއަތުގެ 54 ވަނަ ގައުމުގެ ގޮތުގައި މެންބަރުކަން ދީފައެވެ.
ކޮމަންވެލްތު ގޭމްސް އޮންނާނީ އަންނަ އަހަރުގެ ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ. ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކުޅިވަރުތައް ކަނޑައަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ރާއްޖެ އަށް ކޮލިފައިން މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ. މިއީ ރާއްޖޭގެ އެތުލީޓުންނަށް ލިބޭ ބޮޑު ފުރުސަތެކެވެ.