ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ޑޮކިއުމެންޓްރީ ފިލްމް ހަދަން ދަސްކޮށްދެނީ

ދިރާގާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން 'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން'ގެ ނަމުގައި ޑޮކިއުމެންޓްރީ - ސްޓައިލް ފިލްމު ހަދަން ދަސްކޮށްދޭ ޕްރޮޖެކްޓެއް ފަށައިފިއެވެ.

އެ ޕްރޮޖެކްޓްގެ މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވައި، ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު ވިސްނައި، އެކަމާ ގުޅިގެން ދިމާވާ މައްސަލަތައް ފިލްމުގެ ޒަރިއްޔާއިން ހާމަކޮށްދިނުމެވެ.

ދިރާގުން ބުނީ އެ ޕްރޮޖެކްޓް މެދުވެރިކޮށް ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމެންޓަރީ ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެ ކަމަށެވެ.

އެ ޕްރޮޖެކްޓްގައި ހިމެނެނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބަޔެކެވެ. އެ ދެ ބައި ވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުންނެވެ.

ދިރާގުން ބުނީ އެ ޕްރޮޖެކްޓް ނިމޭއިރު ބައިވެރިން ގްރޫޕުތަކަށް ބަހާލެވި މި އަހަރުގެ ޝިއާރު ކަމަށްވާ "ތިމާވެއްޓަށް އަންނަ ބަދަލުތައް"، މި ޝިއާރާ ގުޅޭގޮތުން ފަސް ކުރު ފިލްމް ތައްޔާރު ކުރާނެ ކަމަށެވެ. މިއީ އ.ދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރެކެވެ.

ބައިވެރިން ތައްޔާރު ކުރާ ފިލްމްތައް ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމްތަކުގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސިތަކުގައި ދައްކާނެއެވެ.

އުމުރުން 18 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް ވެސް މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ، ފިލްމް ހެދުމުގެ ތަޖުރިބާ މަދު ޒުވާނުންނަށެވެ.

ޕްރޮޖެކްޓުގައި ބައިވެރިވާން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 30 ފަރާތެއް ހޮވާނެއެވެ. މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަށް ދިރާގުން ވަީ އިތުރަށް އިލްތިމާސްކޮށްފައެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހެވެ.

އެ ޕްރޮޖެކްޓުގެ ތަމްރީން ބާއްވާނީ މި މަހުގެ ފަހު ހަފުތާގައެވެ. އަދި ތަމްރީން ކުރިއަށް ގެންދާނީ ހުރިހާ ބައިވެރިން އެއް ތަނެއްގައި ތިބޭ ގޮތަށެވެ. ޓްރެއިނިން ސެޝަން ބާއްވާނެ ތަން، އެ ސެޝަން ފަށާ ތާރީހާ ކައިރިވުމުން ހާމަ ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން'ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

comment ކޮމެންޓް