އަންނަ އަހަރުގެ ބެޖެޓުގައި ހިމަނައިގެން އދ. އޮމަދޫގައި އާ ސިއްހީ މަރުކަޒެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު އޮމަދޫ ކައުންސިލުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އޮމަދޫގައި ސިއްހީ މަރުކަޒު އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ފައިސާ ހިމަނައިފައިވާނެކަމަށެވެ.
އާ ސިއްހީ މަރުކަޒުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "ސަން"އަށް ވިދާޅުވީ މިހާރު ބޭނުންކުރެވެމުން އަންނަ ސިއްހީ މަރުކަޒަކީ ވަރަށް ކުރިން ހަދައިފައިވާ ތަނެއްކަމަށެވެ. އެހެންކަމުން އެ މަރުކަޒުގައި އެންމެ ރަނގަޅަށް ހިދުމަތް ދިނުމަށް ޓަކައި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށެވެ.
"އަޅުގަަނޑުމެންގެ ރަށުގައި މިހާރު ބޭނުންކުރެވެމުން އަންނަ މަރުކަޒަކީ ވަރަށް ކުރީގައި ރައްޔިތުންގެ އަމިއްލަ މަސައްކަތުން އަޅާފައިހުރި ތަނެއް. ދެން އެ ތަން މިހާރު އޮތީ ވަރަށް ބާ ވެސް ވެފައި. ދެން މިހާރަށް ބަލާއިރު ހިދުމަތް ދިނުމުގައި ލެބޯޓްރީއާ އެކަހަލަ ބައިވަރު ހިދުމަތްތައް ނެތި މިހާރު ހުރީ،" އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ އިތުރު ހިދުމަތްތައް ތައާރަފްކޮށް މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކުރުމަށް ޓަކައި އިތުރު ޖާގަ ބޭނުންވާކަމަށެވެ. އެއާއެކު ސަރުކާރުން އާ މަރުކަޒެއް އިމާރަތްކުރުމަށް ނިންމީކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު މަރުކަޒުގެ މަސައްކަތް ފެށުމަކީ ރަށުގެ ރައްޔިތުންގެ އުންމީދުކަމަށެވެ. އަދި އެންމެ އެދޭ އެއް ކަންތައް ކަމަށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ރަށުގައި ނަރުދަމާގެ ހިދުމަތް ފެށުމަށް މަސައްކަތްކުރާ ވާހަކަ ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އަންނަ މަހު އެ ހިދުމަތް ދެވޭނެކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ކައުންސިލުން ވެސް ވަނީ ރައީސަށް އެ ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ބަނދަރު ހަލާކުވުމުގެ ސަބަބުން ދިމާވާ ދަތިތައް ވަނީ ހިއްސާކޮށްފައެވެ.