ސަތޭކައެއްހާ ކިލޯގެ ހެރޮއިންއާ އެކު 10 މީހުން ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 އެއްހާ ކިޅޯގެ ހެރޮއިން --- ފޮޓޯ: ސީޕީ

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިންއާ އެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ.

އެތަކެތި އަތުލައިގަނެފައިވަނީ ދިހަ ތަނެއް ބަލައި ފާސްކުރުމަށްފަހު ކަމަށް ވެސް ސީޕީ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދިހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މަސްތުވާތަކެއްޗާއި މީހުން އަތުލައިގަތް ސަރަހައްދު އަދި ހާމަ ކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރުމުގެ ކުރިންނެވެ.

ގިނަ އަދަދެއްގެ ހެރޮއިން އަތުލައިގަނެފައިވާއިރު، މިދިޔަ މަހުގެ ކުރީ ކޮޅު ވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުންދިޔަ 24 ތަނެއް ބަންދުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް ކުރެވެން ހުރިކަންކަން ކޮށް، ފުލުހުންގެ ޒިންމާ އަދާކުރަމުން އަންނަކަމަށް ސީޕީ ހަމީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އެގޮތުން، އެކަން ހުއްޓުވުމަށް ވަކި މީހެއްގެ މޫނަކަށް، ވަކި ނެޓްވޯކަކަށް، ވަކި ގުރޫޕަކަށް، ވަކި އިންތިހާބީ ދާއިރާއަކަށް ނުބަލާނެ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

comment ކޮމެންޓް