ދެ މަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށް ނަބީލް ދޫކޮށްލައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ މަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށް، ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާންމުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ނަބީލް، 36، ދޫކޮށްލައިފިއެވެ.

ޓިކްޓޮކްގައި ދިވެހިންގެ ސަމާލުކަން ހޯދާފައިވާ ނަބީލް ހައްޔަރުކުރީ އޭނާ ބަރަހަނާވާ ވީޑިއޯ ޓިކްޓޮކްގައި އާންމުކުރިތާ އެއް ދުވަސް ފަހުން، މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭގައިއެވެ.

މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ މަހަކަށް ވުރެން ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، ނަބީލް ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޮރިޔާން ކާޑު ހެދުމުގެ ތުހުމަތުކުރާ ނަބީލް ދޫކޮށްލާފައިވަނީ ޝަރުތުތަކެއްކޮށްފައި ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް އޭނާއަށް ކުރީ ކޮން ޝަރުތެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ނަބީލްއަށް ކުރި ޝަރުތަކީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ޕޯސްޓް ނުކުރުމެވެ. އަދި އެ ޝަރުތައް އޭނާ އެއްބަސްވުމުން ވަނީ ދޫކޮށްލާފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މީގެ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައިނުވާނެ ކަމަށެވެ.

ކޯޓުގައި ނަބީލް ބުނީ ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ވީޑިއޯއަކީ އޭނާ ބޭޒާރުކޮށްލުމަށް، ބަޔަކު އޭނާގެ މޫނު ބޭނުންކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެކެވެ.

ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން އުޅޭ ކަމަށް އެއްބަސްވެފައެވެ. އަދި އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށް ވެސް ބުންޏެވެ.

ޝަރީއަތުގައި ފުލުހުން ވަނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް