ފައިނަލަށް ނުދިޔަޔަސް، ނެތިފައިވާ ފުޓުބޯޅައިގެ ފޯރި އަނބުރާ ގެނުވައިފި!

އަލީ އަޝްފާގު (ދަގަނޑޭ) ގޯލް ޖެހުމަށްފަހު ސެލެބްރޭޓް ކުރަނީ -- ފޮޓޯ/ އިމޭޖަސް.އެމްވީ

ސާފްޗެމްޕިއަންޝިޕް މުބާރާތަށް މުޅި ގައުމު މީގެ މަހެއްހާ ދުވަސްކުރިން ތައްޔާރުވީއިރު ގިނަ ބަޔަކު އުފެއްދި ސުވާލެކެވެ.

ސާފުގެ ތަށި ދިވެހީން ފުރަތަމަ އުފުލާލި، 2008ވަނަ އަހަރު އޮތް ފޯރި އަލުން އަނބުރާ ގެނެވޭނެތޯއެވެ. ފުޓުބޯޅައިގެ ސަބަބުން ގައުމު އެއްބައިވަންތަ ކުރުވަފާނެތޯއެވެ. ގައުމީ ޓީމުގެ މެޗުތަކަށް ސަޕޯޓު ކުރަން ބަޔަކު ވަންނާނެތޯއެވެ.

އެ ސުވާލުތަކުގެ ޖަވާބު މިއަދު ވަރަށް ސާފެވެ. ރޭގަނޑުގެ އަރާމު ނިދި ނަގައިލާ އެއްބަޔަކު ޓިކެޓް ގަންނަން ކިޔޫ ހަދައިގެން ތިބެފިއެވެ. ޓިކެޓް ނުލިބުމުން، އެކަމާ ނުރުހުންފާޅުކޮށް މަގުތައްމަތީ އިހުތިޖާޖު ކޮށްފިއެވެ. ގައުމީ ޓީމަށް ހިތްވަރުދޭން ދަނޑަށް ވަންނަން އަށްގަޑިއިރުވަންދެން ކިޔޫގައި ތިބެގެން ޓިކެޓް ނަގައިފިއެވެ.

ޓިކެޓް ގަންނަން އެތައް އިރެއް ވަންދެން މީހުން ކިޔޫގައި ތިބި -- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

މި ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު މާލޭގެ އެކި ދިމަދިމާއިން ފެނުނީ ކިޔޫތަކެވެ. ޖާޒީ ވިއްކާ ފިހާރަތަކަށް ނުތަކާވަރަށް އޯޑަރު އަންނަނީއެވެ. ފިހާރަ ހުޅުވުމުގެ އެތައް އިރެއް ކުރިން އޮންނަނީ ކިޔޫ ހަދައިފައެވެ. ޖާޒީއެއް ނުލިބިއްޖެ މީހަކު ލަނީ ރަތްކުލައިގެ ކޮންމެވެސް ހެދުމެކެވެ. ގައުމާއެކު ހުރިކަން އެންގުމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލިވީ ވަރަށް ހިތި ގޮތަކަށެވެ. މެޗު ނިމެން 10ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ނޭޕާލުން ސްކޯރ ކޮށްގެންނެވެ. އެހެން ނަމަވެސް އެ ބައްޔާއެކު ދިވެހީން ކަރުއެލުވައެއް ނުލައެވެ.

ދިވެހީންނަށް ލިބުނީ އާ ޖޯޝެކެވެ. އާ އަޒުމަކާއި، އާ ހިތްވަރަކާއެކު ދިވެހި ޓީމަށް ސަޕޯޓު ކުރަން އަތުކުރި އޮޅާލިއެވެ. އެ ޖޯޝާއެކު ދެވަނައަށް ދިވެހީން ބަނގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓިކެޓް ހުސްވީއެވެ.

ދިވެހި ގައުމީ ޓީމުން ސަޕޯޓަރުންގެ ކުރިމަތީގައި ބަނގްލަދޭޝް މެޗުގައި އަދި ލަންކާ މެޗުގައި ވެސް ދެއްކީ ތަފާތު ކުޅުމެކެވެ. ސަޕޯތަރުން ފަހުރުވެރިވާފަދަ ނަތީޖާއެއް ނެރެދިނެވެ.

އުއްމީދުތައް ފެނަށް، އެތައް ދިވެހީންނެއްގެ ލޮލުން ކަރުނަ!

އަމިއްލަ ފަސްގަނޑުގައި ދިވެހި ޓީމު ކުޅެގެން މޮޅުވެ ތަށި އުފުލާލާ މަންޒަރު އެތައް ދިވެހީންނެއް ހުވަފެނުން ދުށްޓެވެ. އެކަމަށް ހުރިހާ ދިވެހީންހެން ތިބީ އުއްމީދު ކޮށްގެންނެވެ.

ފައިނަލުގައި އެއްކޮޅުން ކުޅުމަށް ރޭގެ މެޗުގައި ބަލިނުވެ ނިންމާލަން ރާއްޖެއަށް މަޖުބޫރު ކަމަކަށް ވިއެވެ. ގަލޮޅު ދަނޑުގެ ކެޕޭސިޓީއަކީ މިހާރު 5000ކަމުގައި ވިޔަސް، ރޭ ގަލޮޅު ދަނޑުގައި ދިހަ ވަރަކަށް ހާސް މީހުން އުޅުނެވެ.

ވަގު ޓިކެޓް ހަދައިގެންނާއި އެހެން ވެސް ގޮތްގޮތުން އެތައް ބަޔަކު ދަނޑަށް ވަނެވެ. ގައުމީ ޓީމަށް ސަޕޯޓް ކުރާށެވެ. ފައިނަލަށް ދަތުރުކުރުމަށް ކަނޑަތު ކުރަން ޖެހޭ ފަހު ކަނޑުގައި ދިވެހި ގައުމީޓީމާއެކު ވުމަށެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ދަގަނޑޭ އުފާފާޅުކުރަނީ -- ސަންފޮޓޯ/ އަހްމަދު އައިމަން އަލީ

މެޗު ފަށަން ބައިގަޑިއިރަށް ވީއިރު މުޅި ދަނޑު އޮތީ ފުރައިލައިފައެވެ. ރަތް ކުލައިން ދިއްލާ އަޅާފައެވެ. ތަރުހީބުގެ އަޑުން މުޅި ދަނޑު ގުގުމަމުންދިޔައެވެ. ދިވެހީން ތިބީ ފައިނަލުގައި އެއްކޮޅުން ކުޅޭނެކަން "ޔަގީން" ކޮށްގެންނެވެ.

މެޗުގައި އިންޑިއާއިން މޮޅު ކުޅުމެއް ދެއްކިއެވެ. ރާއްޖޭގެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ރޭ ނުދެއްކުނެވެ. ގިނަ މިސްޓޭކްތަކެއް ޓީމުގެ ފަރާތުން ފެނުނެވެ. ނަމަވެސް ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވެސް ހިތްވަރު ކުރިއެވެ.

އިންޑިއާއިން ޖެހި ތިންވަނަ ގޯލާއެކު ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެ ހިސާބުން ގިނަ ދިވެހީން ތިބީ ބޮލުގައި އަތް އަޅައިގެންނެވެ. ފެންކަޅިވެފައިވާ އެތައް ބަޔަކު ވެސް ތިއްބެވެ. އިށީންދެގެން އިސް ޖަހައިލައިގެން ވެސް ތިއްބެވެ.

ބައެއް ސަޕޯޓަރުން ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވެސް ހިތްވަރާއެކު ސަޕޯޓް ކުރިއެވެ. ނަމަވެސް ރެފްރީގެ ފަހު ކަށިގަނޑާއެކު މުޅި ގަލޮޅު ދަނޑު ހިނދުކޮޅަކަށް ނަމަވެސް ހިމޭންވިއެވެ.

އެ ވަގުތު އެތަނުގައި ތިބި އެތައް ބަޔަކު ގިސްލާ ރުޔެވެ. ކަރުނަތައް ހިފަހައްޓާލައިގެން ނުތިބެވުނީއެވެ. ނަމަވެސް ފަނަރަ ވަރަކަށް ސިކުންތު ވެސް ނުވާނެއެވެ. ހުރިހާ ސަޕޯޓަރުން އެކީ އެކައްޗަކަށް އަތް ޖަހަން ފެށިއެވެ. ޓީމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ބަލި ވިޔަސް ތިމަންނަމެން މިތިބީ ޓީމާއެކުއޭ ބުނާ ފަދައެވެ.

އެވަގުތު ގައިން ހީބިހި ނެގިއެވެ. އެތަނުގައި ހުރި ކޮންމެ ދިވެއްސަކަށް ވެސް ވާނީ އެހެންނެވެ. ދިވެހި ގައުމީ ޓީމަށް ޓަކައި ދިވެހީން މި ފަހަރު ގިނަ "ގުރުބާނީ"ތަކެއް ވެއްޖެއެވެ.

ޓީމު މި ފަހަރުގެ މުބާރާތުން ކެޓީއެވެ. ފައިނަލަކަށް ވެސް ނުދިޔައެވެ. ނަމަވެސް ހާސިލުވި އެއްކަމެއް އެބައޮތެވެ. ނެތެމުންދާ ފުޓުބޯޅައިގެ ފޯރި އަނބުރާ ގެނެވިއްޖެއެވެ. އެ ޖޯޝު ދިވެހީން ގެނެސްފިއެވެ. އެ ކިކު އަރުވައިފިއެވެ. ގައުމު އެއްބައިވަންތަ ކުރުވައިފިއެވެ.

ބަލިވިޔަސް، މޮޅުވިޔަސް އަދި ފައިނަލަށް ދިޔަޔަސް، ނުދިޔަޔަސް ދިވެހި ސަޕޯޓަރުން ތިބޭނީ ދިވެހީންނާއެކުގައެވެ. އެކަން މިއަދު ދިވެހީން ސާބިތު ކޮށްދީފިއެވެ. ފުޓުބޯޅައިން މުޅި ގައުމަށް ފައިދާ ކޮށްދީފިއެވެ.

comment ކޮމެންޓް