ވަޒީފާއަކީ ހައްލެއް ނޫން ކަަމަށާއި ދިވެހި ޒުވާނުން ވަޒީފާއަށް ބަރޯސާވުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ މިއަދު ދިވެހި ގައުމަށް ބޭނުންވަނީ ޒުވާން ވިޔަފާރިވެރިން ކަމަށެވެ.
ހުރިހާ ޒުވާނުން ވެސް ބަލަނީ ސިވިލް ސާވިސް ނުވަތަ އެފަދަ އެހެން ވަޒީފާއެއް ލިބޭތޯ ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އަމިއްލަ މަސައްކަތް ކުރަން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.
"ކޮންމެ ޒުވާނަކު ޑިޕެންޑު ވަނީ ވަޒީފާއަކަށް. މި ކަން އަޅުގަނޑުމެން އެބަ ޖެހޭ ބަދަލުކުރަން. މި ގައުމުގެ މުސްތަގުބަލު އަޅުގަނޑުމެން ބިނާ ކުރަން ޖެހޭނީ ވިޔަފާރިވެރިންގެ މައްޗަށް. ހަމައެކަނި ވަޒީފާއަކީ ހަގީގަތުގައި ހައްލެއް ނޫން. ވިޔަފާރިތަކުން ވަޒީފާތައް އުފެދެނީ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު އިތުރުކޮށް، ބޮޑު ކުރެވިދާނެ ކަމަށާއި މުސާރަ ވެސް ބޮޑު ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެ ކަމުން ދިރިއުޅުން ތަނަވަސް ވެގެން ނުދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިރިއުޅުން ތަނަވަސް ވެ ގައުމެއް ކުރިއަށްދަނީ އެ ގައުމުގަ އުފެދޭ ވިޔަފާރީގެ ސަބަބުން. އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ހަގީގަތުގައި އުފެއްދުންތަކާއި އަދި އާ އީޖާދުތަކާއި އާ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލަން. ފަހި މާހައުލެއް ހޯދައިދޭން،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވިޔަފާރިވެރިން ވިޔަފާރިއެއް އުފައްދައި، އާ އުފެއްދުންތައް އީޖާދުކުރުމަށް ކުރާ ބުރަ މަސައްކަތްތައް ޓީވީންނާއި އެހެނިހެން ގޮތްގޮތުން ޒުވާނުންނަށް ދައްކަން ޖެހޭ ކަމަށެވެ.
ހަމައެހެންމެ ޒުވާން ވިޔަފާރިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެކިއެކި އެވޯޑުތައް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދައި، ދޭން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.