ކޮވިޑް-19ގައި ތިނަދޫން ދެވަނަ މީހަކު މަރުވެއްޖެ

ގދ. ތިނަދޫ. (ފޮޓޯ/ސްޓޫޑިއޯ 33)

ކޮވިޑް-19ގައި ގދ. ތިނަދޫން މިއަދު ދެވަނަ މީހަކު މަރުވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ސަން"އަށް ވިދާޅުވީ މިރޭ އެ ރަށުން މަރުވީ އެ ރަށަށް ނިސްބަތްވާ، އުމުރުން 81 އަހަރުގެ އަންހެނެއް ކަމަށެވެ.

"އޭނާ ބާއްވާފަ އޮތީ ގޭގަ. އެހެން އޮއްވާ ހުއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ. ދެން ޑޮކްޓަރު ބަލާފަ ބުނީ ގެނައި އިރުގަ ވެސް އޮތީ މަރުވެފައި ކަމަށް. ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިރޭ އެ ރަށުން މަރުވި އަންހެން މީހާއަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކޮށްގެން ހުރި މީހެއް ކަމަށެވެ.

ކޮވިޑުގައި ތިނަދޫން ރޭ ފަތިހު، މަރުވީ ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރަށް ލާފައި އޮތް މީހެކެވެ. އޭނާ އަކީ ގއ. ގެމަނަފުއްޓަށް ނިސްބަތްވާ އުމުރުން 80 އަހަރުން މަތީގެ ފިރިހެނެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 236އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 85،732 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑު ބަލި މީހުންގެ ގޮތުގައި ތިބީ 1،192 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަނީ 13 މީހުންނަށެވެ.

comment ކޮމެންޓް