އުރީދޫ ސާފްޗެމްޕިއަންޝިޕްގައި އިންޑިއާއާއި ރާއްޖެ ވާދަކުރާ މެޗުގައި ރާއްޖެއަށް ކާމިޔާބަށް އެދި ދުއާ ކޮށްދިނުމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އެދިއްޖެއެވެ.
މާދަމާ ރޭގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުނީ ކެތްތެރިކަމާއެކު ތިބުމަށް ސަޕޯޓަރުންގެ ފަރާތުން އެދޭ ކަމަށެވެ. އަދި ދަނޑަށް ނުވަދެވުނު ކަމުގައި ވިޔަސް ހުރިހާ ރައްޔިތުން ވެސް ޓީމާއެކު ތިބިކަން އެނގޭކަމަށް ވެސް އަކޫ ބުންޏެވެ.
"އެގޮތުގައި ތިބިއްޔާ މި ތަށި އަޅުގަނޑުމެންނަށް ނުނެގޭނެ އެއްވެސް ގޮތެއް ނެތް،" އަކޫ ބުންޏެވެ.
އަކޫ އިތުރަށް ބުނީ ބޮޑު ސްކްރީން ދޮށުގައި ވިޔަސް ، ގޭގައި ވިޔަސް، ރަށުގައި ވިޔަސް ޓީމަށް ސަޕޯޓް ކުރުމުގައި ދެމި ތިބުމަށް އެދޭ ކަމަށެވެ.
އިންޑިއާއާއި ރާއްޖެއާ މާދަމާ ރޭ ބައްދަލުކުރާ މެޗަކީ ރާއްޖެއަށް މި މުބާރާތުގައި ވަރަށް މުހިންމު މެޗެކެވެ. އެ މެޗުން ބަލިވެއްޖެނަމަ ރާއްޖެ މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއެވެ.
އެހެންކަމުން އަކޫ ވަނީ ސަޕޯޓަރުންގެ ކިބައިން، ޓީމަށް ދުއާ ކޮށްދިނުމަށް އެދިފައެވެ. އަދި ދުއާގެ ނަތީޖާ މާދަމާރޭގެ މެޗުގައި އަދި އިރާދަކުރެއްވިއްޔާ ފައިނަލު މެޗުގައި ވެސް ފެންނާނެ ކަމަށް އަކޫ ބުންޏެވެ.
"ދުއާ ކޮށްދެއްވާ، ދުއާގެ ނަތީޖާ މާދަމާރޭގެ މެޗުގައި ވެސް އިންޝާﷲ ފައިނަލް މެޗުގައި ވެސް ފެންނާނެ،" އަކޫ ބުންޏެވެ.
މާދަމާރޭގެ މެޗަށް ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ތައްުޔާރުވަމުންނެވެ. އެގޮތުން ސަޕޯޓަރުންނަށް ވިއްކި 3000 ޓިކެޓް ވަނީ ވިކި ހުސްވެފައެވެ.
މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި 1-0 އިން ނޭޕާލް އަތުން ބަލިވިއިރު ދެވަނަ މެޗު ބަނގްލަދޭޝާ ކުޅެ ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ރާއްޖެ ޓީމުން ވަނީ ސްރީލަންކާގެ މައްޗަށް 1-0އިން ކުރި ހޯދާފައެވެ.