ކިޔޫ ނުހަދަން އެދިފައިވަނިކޮށް، ސޯޝަލް ސެންޓަރުގައި ކިޔޫ ހަދައިފި

ސޯޝަލް ސެންޓަރު ކައިރީގައި ހަދަމުންދާ ކިޔޫ --- ސަން ފޮޓޯ

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރާ މެޗުގެ ޓިކެޓް ވިއްކާނީ މާދަމާ ކަމަށާއި، ކުރީ ބައިގައި ކިޔޫ ނުހެދުމަށް އެދިފައިވަނިކޮށް ސޯޝަލް ސެންޓަރު ސަރަހައްދުގައި ކިޔޫ ހަދަން ފަށައިފިއެވެ.

އެފްއޭއެމުން މީގެ ކުރިން ޓިކެޓް ވިއްކަމުން އައީ ގަލޮޅު ދަނޑުންނެވެ. އެކަމަކު ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރާ މެޗުގައި ދިމާވި ޓިކެޓްގެ މައްސަލައަށްފަހު އެމެޗުގެ އެއްބައި ޓިކެޓް ވިއްކުން ވަނީ ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައެވެ. އަދި ދެން އޮތް މެޗުގެ ޓިކެޓް ވެސް އެ ސެންޓަރުގައި ވިއްކާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މާދަމާ 10 ޖަހާއިރު ސޯޝަލް ސެންޓަރުން ޓިކެޓް ވިއްކަން ފަށާއިރު އެ ސަރަހައްދުގައި ކިޔޫ ހަދަން ފެށޭނީ 9:30ގައި ކަމަށް ޔޫތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އަދި އޭގެ ކުރިން އެ ސަރަހައްދުގައި ކިޔޫ ނުހެދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔޫގައި ތިބި މީހުންނާ މިނިސްޓަރު މަހްލޫފް ބައްދަލު ކުރައްވަނީ ---

ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. ގަލޮޅު ދަނޑުގެ މިހާރުގެ ކެޕޭސިޓީއަކީ ކޮވިޑާ ގުޅިގެން މިހާރު 5000 މީހުންނެވެ. އަދި އަދަދު އެވަރަށް މަދުވެފައިވަނީ ދަނޑުގެ ދެކުނު ފަރާތަށް މީހުން ނުވައްދާތީއާ ވެސް އެކުގައެވެ.

އެހެން ނަމަވެސް ޔޫތު މިނިސްޓްރީގެ އެންގުމާ ޙިލާފަށް މިހާރު ސޯޝަލް ސެންޓަރު ސަރަހައްދަށް މީހުން ދަނީ އެއްވަމުންނެވެ. އެ ސަރަހައްދުގައި ހަދާފައިވާ ކިޔޫއާ އެކު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ވަނީ މިވަގުތު އެ ތަނަށް ވަޑައިގެން، ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ.

https://sun.mv/157845

ކިޔޫގައި ތިބި މީހުންނަށް ޓިކެޓުގެ އިންތިޒާމްތައް އޮތްގޮތް މަހްލޫފް އޮޅުންފިލުވައިދީފައިވާ އިރު، އެ ސަރަހައްދުގައި ތިބި މީހުން ބުނީ މިހާރު ކިޔޫގައި ނުޖެހި ޓިކެޓް ލިބޭނެކަމަށް ގަބޫލު ނުކުރާ ކަމަށާއި، ފަހުން ގަންނަން އުޅެގެން އަގުބޮޑުވާނެ ކަމަށެވެ.

"ތިމަންނަމެން މިތާ މިތިބީ ޓިކެޓް ހޯދާ ހިތުން ވަރަށް ހަމަޖެހިގެން. ތިމަންނަ މެނާ މެދު ނުވިސްނާ. އަހަރަމެން މިތާ މިތިބީ އުފަލުން،" ކިޔޫގައި ހުރި މީހަކު "ސަން" އަށް ބުންޏެވެ.

comment ކޮމެންޓް